ޓީވީ ޗެނަލްތަކުން ފެންނަ ބައެއް ސިލްސިލާތައް ބަލާފައި އެ ސިލްސިލާތަކުގައި ލީޑް ރޯލުކުޅޭ އެކްޓަރުން ދެކެ މީހުން ވަރަށް ލޯބިވެ އެވެ. އެމީހުންގެ ކެމިސްޓްރީ ރަނގަޅުކަމުން އެ ވާހަކަ ދައްކައެވެ. އަދި އެމީހުން އެ ޑްރާމާއެއްގައި އުޅޭލެއް ލޯބިކަމުން ހަގީގީ ދިރިއުޅުމުގައި ވެސް އެމީހުންގެ ލޯބީގެ ގުޅުން އޮންނަން އެދޭ ފޭނުން ވެސް މަދެއް ނޫނެވެ.
ނަމަވެސް މީގެ ތެރެއިން ބައެއް ޓީވީ ޖޯޑު ތަކަކީ ހަގީގީ ދިރިއުޅުމުގައި އެއްގޮތަކަށްވެސް ވާހަކަވެސް ދައްކާ ނޫޅޭ މީހުންނެވެ. އެމީހުން ސްކްރީނުން ފެންނައިރު ކިތަންމެ ގުޅޭހެން ހީވިޔަސް ޑްރާމާގެ ޝޫޓިންގްގެ ވަގުތު ފިޔަވައި އެއްގޮތަކަށްވެސް ވާހަކަ ދައްކާ ނޫޅޭ ތަރިން އެބަ ތިއްބެވެ.
ޕްރޮފެޝަނަލް ގޮތުން އެމީހުންނަށް ޑްރާމާގެ ޝޫޓިންގައި ވަރަށް ލޯބިވާ ދެ މީހުންނަށް ހެދިގެން އުޅެން ޖެހުނަސް ޝޫޓިން ނިމުމާއެކު އެމީހެއްގެ ހަރަށް ވަދެ އެމީހަކު ފިލަ އެވެ. އަދި ހަތަރުކަޅި ހަމަކޮށް އެކަކު އަނެކަކާ ވާހަކަ ދައްކާ ވެސް ނޫޅެ އެވެ.
އެފަދަ އެއް ޖޯޑަކީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ޑްރާމާ ފެށިއިރު އޭގައި ލީޑް ރޯލު އަދާކުރި ހީނާ ޚާން އާއި ކަރަން މެހެރާ އެވެ. އަކްޝަރާ އާއި ނައިތިކްގެ ކެރެކްޓާ އިން މަޝްހޫރުކަން ހޯދާ އެތައް ހާސް ފޭނުންގެ ހިތް އަތުލި މި ޖޯޑަކީ ވެސް އެއްގޮތަކަށް ވެސް އެއްގަލަކަށް އަރާ ދެ އެކްޓަރުންނެއް ނޫނެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ވަރަށް ކުރިން ކަރަން ދީފައިވާ އިންޓަވިއު އެއްގައި ހީނާ އާއި އޭނާ އެއްއިރެއްގައިވެސް ރައްޓެހި ނޫން ކަމަށް ބުނެފައި ވެއެވެ. އެމީހުންގެ އޮތީ ހަމައެކަނި ޕްރޮފެޝަނަލް ގުޅުމެއް ކަމަށާއި އެނޫން ގޮތަކަށް އެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށް ކަރަން ބުނެފައި ވެއެވެ.
"މަދޫބާލާ: އޭކް އިޝްގް އޭކް ޖުނޫން"ގައި ލީޑް ރޯލު އަދާކުރި ވިވިއަން ދަސޭނާ އާއި ދްރަޝްތީ ދާމީގެ ވެސް އޮތީ ހަމަ މިފަދަ ބީރައްޓެހި ގުޅުމެކެވެ. މި ސިލްސިލާ ކުޅުނު ދެ މީހުން އެއްގަލަކަށް ނާރާ އަބަދާ އަބަދު ޒުވާބު ކުރަމުން ދިޔަ ކަމަށް ޚުދް އެމީހުން ވެސް އެއްބަސް ވެފައި ވެއެވެ.
ދްރަޝްތީގެ އިންޓަވިއު އެއްގައި އޭނާ އާއި ވިވިއަންގެ މެދުގައި އޮތް ރުޅިވެރިކަމުގެ ވާހަކަތައް ކިޔައިދީފައި ވެއެވެ. ދްރަޝްމީ ބުނީ އެކަން އެގޮތަށް ދިމާވީ އެ ދުވަސްވަރު ދެ މީހުންގެ ޒާތީ ދިރިއުޅުމުގައި ދިމާވެފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ކަމަށެވެ. ހާލަތުގެ ގޮތުން ދެ މީހުން ވެސް އަބަދު ތިބެނީ މޫޑު ގޯސްވެފައި ކަމުން އެއްގޮތަކަށްވެސް އެކުވެރި މާހައުލެއްގައި ވާހަކަ ދައްކާލާނެ ފުރުސަތު ނުލިބުނީ ކަމަށެވެ. ނަމަވެސް އެމީހުންނަކީ ޕްރޮފެޝަނަލް އެކްޓަރުންނަށް ވާތީ ކެމެރާ ކުރިމައްޗަށް އައުމާއެކު ދެ މީހުން ވެސް އެމީހުންގެ އަމިއްލަ ކަންތައްތައް ހަނދާން ނައްތާލައި އެ ކެރެކްޓާއަކަށް ފޯކަސް ކުރަނީ ކަމަށްވެސް ދްރަޝްތީ ބުންޏެވެ.
ޒީ-ޓީވީގެ ކާމިޔާބު ޝޯ "ޖޯދާ އަކްބަރް"ގައި ލީޑް ރޯލު އަދާކުރި ޕަރީތީ ޝަރުމާ އާއި ރަޖަތު ޓޯކަސް އަކީ ވެސް ޑްރާމާގައި މަސައްކަތް ކުރާ ވަގުތު ނޫނީ އެއްގޮތަކަށް ވެސް ވާހަކަ ދައްކާ ބައެއް ނޫނެވެ. އެމީހުން ސްކްރީނުން ފެންނައިރު ވަރަށް ގުޅޭ އަދި އެހާމެ ކެމިސްޓްރީ ރަނގަޅު ކަމަށް ފެނުނަސް ހަގީގަތުގައި ދެ މީހުންގެ މެދުގައި އޮތީ ބޮޑު ރުޅިވެރިކަމެކެވެ. ޕަރީދީ އާއި ރަޖަތު އެކަކު އަނެކަކަށް ހަތަރުކަޅި ހަމަކުރަންވެސް ބޭނުން ނުވާ ކަމީ އެ ސިލްސިލާގެ ޝޫޓިން ކުރިޔަށް ދިޔައިރު ގިނަ ބަޔަކު ދައްކަމުންދިޔަ ވާހަކައެކެވެ. ގައިގޯޅި މަންޒަރުތައް ކުޅެން ޖެހުމުން ޕަރީދީ އާއި ރަޖަތު ވަރަށް މައްސަލަ ޖައްސާ އެ މަންޒަރުތައް ނުކުޅެން ދެކޮޅު ހަދައިފައިވެސް ވެއެވެ.
ޚާއްސަކޮށް ރަޖަތުއާ އެކު ގައިގޯޅި މަންޒަރުތައް ކުޅެން ޕަރީދީ ވަރަށް ދެކޮޅު ހެދި އެވެ. އޭނާގެ އާއިލާގެ މީހުން ރުޅިއަންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޕަރީދީ އެ ސިލްސިލާ ކުޅެން ކޮންޓްރެކްޓްގައި ސޮއިކުރިއިރު އެފަދަ ގޮތަކަށް އެދިފައި ނުވާތީ ޑައިރެކްޓަރު މަޖުބޫރުން އޭނާ ލައްވާ އެފަދަ މަންޒަރުތައް ވަނީ ކުޅުވާފަ އެވެ.
ޓީވީ ސިލްސިލާ "ގުލާމް"ގައި ލީޑް ރޯލު އަދާ ކުރި ނީތީ ޓޭލާ އާއި ޕަރަމް ސިންގް އަކީ ވެސް އެއްގަލަށް ނާރާ އެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ އެކްޓަރުންނެވެ. އެ ޝޯގެ ބައެއް އެކްޓަރުންނާއި ނީތީގެ އަރާރުން ހޫނުވެ ޑްރާމާގެ ޝޫޓިން އެތައް ގަޑިއިރަކަށް ހުއްޓެންވެސް މެދުވެރިވެފައި ވެއެވެ.
"ދިލް ސޭ ދިލް ތަކް"ގައި ލީޑް ރޯލު އަދާކުރި ސިދާރްތު ޝުކްލާ އާއި ރަޝްމީ ދެސާއީ އަކީ ވެސް އެ ސިލްސިލާ ކުޅުނުއިރު އެއްގޮތަކަށް ވެސް އެއްގަލަށް ނާރާ މަސައްކަތްކުރި ދެ ތަރިންނެވެ. މި ސިލްސިލާގައި އެމީހުން ކުޅުނީ ވަރަށް ލޯބިވާ ދެމަފިރިންގެ ރޯލު ނަމަވެސް ހަގީގީ ދިރިއުޅުމުގައި އެމީހުންނެކޭ ދެ ހަތުރުންނެކޭ އެއްގޮތެވެ.
"ބިގް ބޮސް"ގައި ރަޝްމީ ބައިވެރިވެ ވާހަކަ ދައްކަމުން ސިދާރްތު އާއި އޭނާގެ އޮތް ދެކޮޅުވެރިކަމުގެ ވާހަކަތައް ދެއްކި އެވެ. ރަޝްމީ ބުނީ ސިދާރްތު އާއި އޭނާ ކުޅުނު ސިލްސިލާއިން އޭނާ ވަކިކުރަން ސިދާރްތު ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ޕްރޮޑިއުސަރު އެކަމާ އެއްބަސް ނުވެގެން އެކަން ނުވީ ކަމަށެވެ. އަދި ޝޯގައި ބައިވެރިވާ އެހެން އެކްޓަރުންނާ ބައިވެރިވެގެން ސިދާރްތު އޭނާއަށް ވަރަށް އުނދަގޫކުރި ކަމަށް ރަޝްމީ ބުނެފައި ވެއެވެ.