ހައްޖުގެ އަޅުކަން

ދިވެހި ހައްޖުވެރިން މިނާ އާއި އަރަފާތުގައި ތިބޭނީ އެއް ތަނެއްގައި

ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ހުރިހާ ދިވެހިންނަށް މިނާ އަދި އަރަފާތުގައިވެސް އެއް ސަރަހައްދެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެެވެ.

ދިވެހި ހައްޖުވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި މިއަހަރު ދިވެހި ހައްޖުވެރިންނަށް ހިދުމަތްދޭ ކުންފުނި ކަމުގައިވާ "އަލް ބައިތު ގެސްޓްސް"ގެ މެނޭޖިން ޑިރެކްޓަރު އުސާމާ އަބްދުﷲ ދާނިޝްއާއި ދިވެހި ހައްޖު މިޝަނުން ބައްދަލުކުރައްވާ މަޝްވަރާތަކެއް ވަނީ ކުރައްވާފަ އެވެ.

މައްކާގައި ހުންނަ "އަލް ބައިތު ގެސްޓްސް"ގެ މައި އޮފީހުގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ހައްޖުގެ ހިދުމަތް ދިނުމުގައި ދިވެހި ހައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މީނާ އަދި އަރަފާތުގައި ހައްޖުވެރިންނަށް ހިދުމަތްދިނުމަށްޓަކައި އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވުނު ކަމަށެވެ. އަދި ކުރީ އަހަރުތަކުގައި ދެވުނު ހިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

ދިވެހި ހައްޖުވެރިންނަށް ދޭ ހިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމުގެ ޔަގީންކަން އަލްބައިތު ގެސްޓްސްގެ މެނޭޖިން ޑިރެކްޓަރު އުސާމާ އަބްދުﷲ ދެއްވެވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އެހެން އަހަރުތަކާ ހިލާފަށް މި އަހަރު މިނާ އަދި އަރަފާތުގައިވެސް ދިވެހި އެންމެހައި ހައްޖުވެރިން އެއް ސަރަހައްދެއްގައި ތިބެވޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ. ދިވެހި ހައްޖުވެރިން ހައްޖަށް ފުރަން ފަށާނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

އަމިއްލަ ކުންފުނިތަކުން މިއަހަރު ހުށަހެޅި އަގުތައް

  • ހަރަމައިން - 75،250 ރުފިޔާ
  • ސިސިލްފަރު - 75،465 ރުފިޔާ
  • އަލްމަނާސިކު - 75،000 ރުފިޔާ

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާ އެވެ. ސަރުކާރުން ހުއްދަ ދީފައިވާ ކޮންމެ ކުންފުންޏަކަށް މިއަހަރު ދިނުމަށް ނިންމާފައިވަނީ 90 ކޯޓާ އެވެ. ބާކީ ހުރި ކޯޓާތައް ދޭން ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ހައްޖުވެރިން ފުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ނައިބް ރައީސް ފައިސަލް ނަސީމު އިސްވެ ހުންނަވައިގެން ކަމާ ގުޅޭ ހާއްސަ ކޮމިޓީއެއްވެސް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފަ އެވެ.

ދިވެހި ސަރުކާރުގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 27ވާ އަންގާރަ ދުވަހެވެ.