ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ހަރުގެ ހަރަކާތްތައް ފަށައިފި

އެމްޑީޕީގެ ކުރީގެ މައި ހަރުގޭގައި "ދަ ޑިމޮކްރެޓްސް"ގެ ސިޔާސީ ހަރަކާތްތައް ރަސްމީކޮށް ފަށައިފި އެވެ.

ސިޔާސީ ހަރަކާތްތައް ފެށުމަށް ރޭ ބޭއްވި ހަރަކާތުގައި އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާޓީގެ ސަޕޯޓަރުން ބައިވެރިވި އެވެ.

ހަރުގޭގައި ރޭ ބޭއްވި ހަރަކާތުގައި ޕާޓީގެ ހަރުގެއަށް ކިޔާނެ ނަމެއް ކަނޑައެޅުމަށް ސަޕޯޓަރުންގެ ހިޔާލު ވަނީ ހޯދާފަ އެވެ. މީގެ އިތުރުން ޕާޓީގެ ހަރަކާތްތަކާ ގުޅޭ ގޮތުން ސަޕޯޓަރުންގެ ހިޔާލު ވަނީ ހޯދާފަ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އުފެއްދުމަށް މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ ބާރުގެ ދަށަށް އެމްޑީޕީ މައި ހަރުގެ ގެނައީ މޭ މަހުގެ 29 ވަނަ ދުވަހު އެވެ. ހަރުގެ ދަ ޑިމޮކްރެޓްސްގެ ބާރުގެ ދަށަށް ގެނައުމަށްފަހު އެތަނުގައި ހުރި އެމްޑީޕީގެ ޕޯސްޓަރުތައްވެސް ވަނީ ނަގާފަ އެވެ.

އެމްޑީޕީގެ މައި ހަރުގެ ހަދާފައިވަނީ އެ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ކުރިން އުޅުއްވި ޝަފިއްޔާ ޒުބައިރުގެ ބިމެއްގަ އެވެ.

ޝަފިއްޔާ މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އަލަށް އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރައްވާފަ އެވެ.