މޯލްޑިވްސް ނޭޝަނަލް ޕާޓީ

ޑެސްފަރަލް ހުސްވި މައްސަލަ އެމްއެންޕީ އިން މަޖިލީހަށް

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ޑެސްފަރަލް ނުލިބެން ދިމާވީ ސަރުކާރުގެ އިހުމާލުން ކަމުގައި ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ޑެސްފަރަލް ނުލިބޭ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައީ މަޝްހޫރު ލަވަކިޔުންތެރިޔާ މާއިން ރަޝީދު އެވެ. އޭގެފަހުން ބައެއް ތެލެސީމިއާ ކުދިންނާއި އެކުދިންގެ މައިންބަފައިން އެ މައްސަލައިގައި ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ޑެސްފަރަލްގެ މައްސަލައިގައި އެމްއެންޕީގެ ރައީސް އަދި ދަނެގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޑެސްފަރަލް ނުލިބުމުގެ ޝަކުވާ، ތެލެސީމިއާ ކުދިންނާ އެކުދިންގެ އާއިލާއިން ކުރަމުންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅޭ މައުލޫމާތު ހޯދުމުން ރާއްޖޭގައި ހުރި ޑެސްފަރަލްގެ ސްޓޮކް ފާއިތުވި މެއި މަހު މުއްދަތު ހަމަވެ ރާއްޖޭގައި މިހާރު ޑެސްފަރަލް ލިބެން ނެތްކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

ޑެސްފަރަލް އަކީ ތެލެސީމިއާ ބަލިކުދިންނަށް ވަގުތުން ވަގުތަށް ލިބެން ހުރުން ކޮންމެހެން ބޭނުންވާ ބޭހަކަށްވާތީ މިފަދައިން ޑެސްފަރަލް ހުސްވެ، ނުލިބޭ ހާލަތަކަށް ނުދާނޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ސިޓީގައި އެދިފައިވެ އެވެ.

މިސިޓީގައި ވަނީ ވީއެންމެ އަވަސް ފުރުސަތެއްގައި ޑެސްފަރަލް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށާއި މިފަދަ ހާލަތެއް ތަކުރާރު ނުވާނެހެން މިކަމާ ގުޅޭ އިދާރާތަކުގެ ކަންކަން ތަރުތީބުކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް އެދިފައިވެ އެެވެ. އަދި ޑެސްފަރަލް ހުސްވެ ނުލިބެން ދިމާވި މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ހުށަހަޅާފައިވެ އެވެ.

އެމްއެންޕީން ބުނީ ޑެސްފަރަލް ހުސްވި މައްސަލާގައި ރާއްޖޭގެ މީޑިއާތަކުން މިިސްޓްރީ އޮފް ހެލްތާ، ނެޝަނަލް ތެލެސީމިއާ ސެންޓަރާ ކުރިމަތި ކުރުވި ސުވާލުތަކަށް އެ އިދާރާތަކުން ޖަވާބެއް ދީފައި ނުވުމަކީ އެކަމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ދައްކައިދޭ ކަމެއް ކަމަށެވެ.