ސީޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަން ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސީޝެލްސްގެ ރައީސް ރާމްކަލާވަން އާއި އަނބިކަނބަލުން ލިންޑާ ރާމްކަލާވަން ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރާމްކަލާވަން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ އެވެ.
ރާމްކަލާވަންގެ މިދަތުރުފުޅަކީ ސީޝެލްސްގެ ރައީސް އަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސީޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ބައެއް އެއްބަސްވުންތަކުގައި ސޮއެކުރައްވާނެ ކަމަށެވެ.
މިދަތުރުފުޅަކީ ދިވެހިރާއްޖެއާ ސީޝެލްސްއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅެ ސަބަބުން ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލޭގެ އެއް ނަންބަރު ފާލަން ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ފުލުހުން ވަނީ އަންގާފަ އެވެ.