މުހައްމަދު އަސްލަމް

ކޯޓަށް ގޮސްގެން ނަމަވެސް މަޖިލިސް ހިންގުވާނަން: އަސްލަމް

ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކޯޓަށް ދާންޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުގައި މިވަގުތު އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތެއް ނިންމުމަށްފަހު އެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން ވިދާޅުވާ ގޮތުގައި މަޖިލީހުގައި މިވަގުތު އޮތް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ އަލުން ކޮމިޓީތައް އެކުލަވާލައިގެންނެވެ. އެއީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅަންޖެހޭތީއާއި އާންމު ކޮމިޓީވެސް އަލުން އެކުލަވާލަންޖެހޭ ކަމަށް މަޖިލީހުގެ ރިޔާސަތަށް ގަބޫލުކުރެއްވޭތީ އެެވެ.

އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ކޮމިޓީތައް މިހާރުވެސް އޮތް ގޮތަށް ކުރިއަށް ގެންގޮސް ކޮމިޓީއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނެ އެވެ. އަދި މަޖިލީހުގެ އާންމު ކޮމިޓީ ކުރިއަށް ގެންދިއުމަށް އެއްވެސް ދައްޗެއް އޮތް ނަމަ އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އަމީންއާންމަށް ގޮވާލެވިދާނެ ކަމަށާއި އަދި އެ ކޮމިޓީގެ މައްސަލަ އަމީންއާންމަށް ހައްލުކުރެވޭނެ ކަމަށްވެސް އެމްޑީޕީގެ މެންބަރުން ގަބޫލުކުރައްވަ އެވެ.

މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މައްސަލަ ކުރިމަތިވީ އެމްޑީޕީގެ ތިއްބެވި 13 މެންބަރަކު ކުއްލި ގޮތަކަށް އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ކޮމިޓީތައް އަލުން އެކުލަވާލުމަށް އެއްބަސްވުމަކަށް ނާދެވި މަޖިލިސް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޝްވަރާ އިސްކޮށްގެން މައްސަލަ ހައްލުކުރެވޭތޯ ބަލާނީ ވަކި ދުވަހަކަށް ކަމަށެވެ. އޭގެފަހުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިގެން ކަމަށްވީ ނަމަވެސް މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދާނެ ކަމުގައި ވިދާޅުވި އެވެ.

"ޕާސަނަލީ އަޅުގަނޑަށް އެހާ ކޮމްފޮޓަބުލްއެއް ނޫން ތިންބާރު މިހެން ވަކިވެވައި އޮންނަ ނިޒާމެއްގައި މަޖިލީހުގެ މަސައްކަތްތައް ތަރުތީބު މނުކުރެވިގެން ނުވަތަ ގަވައިދަށް ބަދަލުނުގެނެވިގެން ސުޕްރީމްކޯޓަށް ދާން ޖެހުން. އެހެންނަމަވެސް ކުރަންޖެހުނީމާ އަޅުގަނޑަށް ޔަގީން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އެކަންވެސް ކުރާނެ،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާއަށް މިއަދު ސިޓީއަކުން އެންގެވި މައްސަލަައިގައިވެސް އަސްލަމް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން އަސްލަމް ވިދާޅުވީ އެ މަގާމުގައި ރައީސް ނަޝީދު ހުންނަވާނަމަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އިސްތިއުފާދެއްވުމަކީ ހަމަ އޮތް ފުރުސަތެއް،" އަސްލަމް ވިދާޅުވި އެވެ.