ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާ ގޮތް ބަޔާންކޮށްފައިވާ މަޖިލީހުގެ ގަވާއިދުގެ މާއްދާތައް ބާތިލުކުރަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ، އ، އަދި ވ. އުނިކުރުމަށްފަހު މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާގެ އެއްވަނަ މާއްދާގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާގެ މައިގަނޑު މަހުފޫމަކީވެސް 49 ވަނަ މާއްދާގެ ކ، އ، އަދި ވ. ހާމަކޮށްދޭ ނަތީޖާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ ޑިސެމްބަރު 18، 2023 ގައި ބޭއްވި ޖަލްސާގަ އެވެ. މި މާއްދާއަށް ގެނައި އިސްލާހުގައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ އެވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި ޖުމްލަ މެންބަރުން ކަމަށެވެ.
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލުކުރަން ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަޔާންކުރާ މާއްދާތަކަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނިކޮށް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އ. އަދި ވ އުނިކޮށް އެ މާއްދާތައް މަޖިލީހުގެ ގަވާއިދުގެ 242-1 އަށް އިތުރުކުރަން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު އިއްވި ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުރީގައި ހިމެނިފައިވާ 49 ވަނަ މާއްދާގެ ކ، އ، އަދި ވ. އަކީ ގާނޫނުއަސާސީގެ 248 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ހ. އިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހުތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
"މަޖިލީހުގެ ގަވާއިދުގެ 242 އެއްގެ އެއްވަނަ މާއްދާއަށް އަމަލުކުރެވެން ނެތް ކަމުގައި ދަންނަވަން. އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައިނުވޭ،" މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައި މާއްދާއެއް އުވާލެވޭނީ މަޖިލީހުން ކަމުގައި ވާތީ މަޖިލީހުގެ ގަވާއިދުގެ 242 އެއްގެ އެއްވަނަ ވަނަ މާއްދާގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާއާމެދު މަޖިލީހުން ގޮތެއް ނިންމަވާ އެ މާއްދާ އުވާލަދިނުމުގެ މައްސަލަ އަސްލަމް ހުށަހެޅުއްވި އެވެ.