ރައްޔިތުންގެ މަޖިލިސް

އަބްދުﷲ ޖަމީލުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި އަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އަބްދުﷲ ޖަމީލުގެ ތައުޒިޔާގެ ދަފްތަރެއް މިއަދު މެންދުރުފަހު 2:00 ޖަހާއިރު މަޖިލީހުގެ އިދާރާގައި ހުޅުވުމަށްވެސް ހަމަޖައްސާފަ އެވެ.

އަބްދުﷲ ޖަމީލް ވަނީ ޖޫން 6، 1964 އިން ޑިސެމްބަރު 24، 1970ގެ ނިޔަލަށް އަދި ޖުލައި 5، 1972 އިން ފެބްރުއަރީ 23، 1995 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފަ އެވެ.

އަބްދުﷲ ޖަމީލު ވަނީ ނޮވެމްބަރު 24، 1980 އިން ފެބްރުއަރީ 23، 1995 އަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފަ އެވެ.

އަބްދުﷲ ޖަމީލު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓަރީގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމާއި، މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމާއި ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

އަބްދުﷲ ޖަމީލު ރަސްމީ އިއްޒަތުގައި އިއްޔެގެ ވަގުތެއްގައި ފަސްދާނުލައިފައިވަނީ ގަލޮޅު ސަހަރާ ގައެވެ.