ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކޮމިޓީ ކޮޓަރިތައް ތަޅުލައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ކޮޓަރިތައް ތަޅުލައި މެންބަރުންނަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައިވާއިރު ކޮމިޓީ ކޮޓަރިތައް ތަޅުލައި މެންބަރުންނަށް ނުވަދެވޭ ގޮތް ހަދާފައިވާ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ކޮމިޓީތައް ތަޅުލާފައިވާ ކަމަށް ބައެއް މެންބަރުން ވިދާޅުވާއިރު މަޖިލީހުގެ އިދާރާއިން ބުނީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްނުދާ ވަގުތުތަކުގައި ކޮމިޓީ ކޮޓަރިތައް ހުންނަނީ ތަޅުލާފައި ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުން ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށްނުދާ ހުރިހާ ވަގުތުތަކެއްގައިވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް،" ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވެ އެވެ.

މަޖިލީހުގެ އެމްޑީޕީގެ މެންބަރުންތަކެއް ޕާޓީން ވަކިވުމުން މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހިފައިވާއިރު ކޮމިޓީތަކަށް ބަދަލު ގެނައުމުގައި ޕާޓީތަކަށް ވަނީ އެއްބަސްވުމަކަށް ނާދެވި އެވެ.