ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ބޭނުންވާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން ގޮވާލައްވައިފި އެވެ.
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ހުއްޓިފައިވަނީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ މައްސަލަ އެއް ފަހަރާ މަޖިލީހަށް ހުށަހެޅުމުން މިހާލަތުގައި އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީގައި ނެތުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު މެންބަރުންނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސްގެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެގޮތް ގަބޫލުކުރައްވާ ކަމުގައިވެސް ގާނޫނީ ވަކީލެއް ކަމުގައިވާ އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިންގެ ވާހަކަތަކަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މިހާރު އިދިކޮޅު މެންބަރުންނާ އެކު މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް"ގެ މެންބަރު އަލީ އާޒިމްވެސް ތާއީދުކުރެއްވި އެެވެ.
"އެކަން ކުރެވޭނެ ގޮތަކީ ކޮންމެވެސް އެއް ބޭފުޅަކު ޗެއާކުރުމުގެ ފުރުސަތު ދެއްވާފައި ދެން ކުރިއަށް ގެންދިއުން،" އާޒިމް ވިދާޅުވި އެވެ.
އިދިކޮޅު މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ އާންމު ކޮމިޓީ ވެސް އަލުން އެކުލަވާލަންޖެހޭ ކަމަށެވެ. ކޮމިޓީ އަލުން އެކުލަވާލަންޖެހޭ ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވަނީ އެމްޑީޕީގައި ކުރިން ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވެފައިވާތީ ކޮމިޓީތަކުގައި ޕާޓީތައް ހިމެނޭ ނިސްބަތަށް ބަދަލު އައިސްފައިވާތީ އެވެ.
އިދިކޮޅު މެންބަރުން ކޮމިޓީތައް އެކުލަވާލުމާ ގުޅޭގޮތުން ދައްކަވާ ވާހަކަތައް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގަބޫލެއް ނުކުރައްވަ އެވެ. އެމެންބަރުން ވިދާޅުވާ ގޮތުގައި އާންމު ކޮމިޓީ މިހާރުވެސް އޮތް ގޮތަށް ބޭއްވުމަށްފަހު އެ ކޮމިޓީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އަދި އާންމު ކޮމިޓީގެ މައްސަލައެއް އޮތް ނަމަ މަޖިލީހުގެ އަމީންއާންމު އެ ކޮމިޓީގެ ބައްދަލުވުމަކަށް ދަންނަވައިގެން އާންމު ކޮމިޓީގެ މައްސަލަ ހައްލުކުރެވޭނެ ކަމަށްވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވެ އެވެ.
މަޖިލީހުގެ އާންމު ކޮމިޓީ އަކީ އިތުބާރު ނެތް މައްސަލަތަކުގައި ވަގުތު ކަނޑައަޅާ ކޮމިޓީ އެވެ.