ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

އެމްޑީޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެންބަރު އިސްވެ އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ "ދަ ޑިމޮކްރެޓްސް"ގެ މައި ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.

މިރޭގެ ވަގުތެއްގައި ހަރުގެއަށް ކަޅުތެޔޮ ޖެހީ އެތަނުގައި ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއް ކުރިއަށް ދަނިކޮށެވެ.

ކަޅުތެޔޮ ޖެހުމާ ގުޅިގެން އެތަނުގެ ފާރުގެ އިތުރުން އެތަނުގައި އެވަގުތު ތިބި ބައެއް މީހުންގެ ގަޔަށް ވެސް ކަޅުތެޔޮ ޖެހިފައިވެ އެވެ.

ކަޅުތެޔޮ ޖެހިއިރު އެތަނުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުގެ ހަށިކޮޅަށްވެސް ކަޅުތެޔޮ ގޮސްފައިވެ އެވެ.

ޑިމޮކްރެޓުންގެ މައި ހަރުގެ ހުންނަނީ އެމްޑީޕީގެ މައި ޖަގަހަ ކުރިން ހިންގި ތަނުގައި އާޓިފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށެވެ.

ހަރުގެ ކައިރީގައި ތިބި ބައެއް މީހުން އަވަސްއަށް މައުލޫމާތު ދެމުން ބުނީ ކަޅުތެޔޮ ޖެހީ އެ މަގުން ސައިކަލްގައި ދިޔަ ބައެއް ކަމަށެވެ.

ޑިމޮކްރެޓުންގެ ހަރުގެއަށް ކަޅުތެޔޮ ޖެހުމާ ގުޅިގެން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ކަޅުތެޔޮ ޖެހުމަކީ ފިނޑި އަމަލެއް ކަމަށެވެ. އަދި އެފަދަ އަމަލަކާ ގުޅިގެން ޑިމޮކްރެޓުން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.

މިއަމަލާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.