މާފުށި ޖަލުގައި ހުއްޓާ ށ. ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލް މަރުވި ހާދިސާގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އަށް ހުށަހަޅައިފި އެވެ.
ޝަރީއަތް ނިމެންދެން ޖަމީލް ބަންދުކޮށްފައި ހުއްޓާ އޭނާ މަރުވީ މިދިޔަ ހުކުރު ދުވަހު ހެނދުނު އެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް، އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ޖަމީލުގެ ހަށިގަނޑުގައި ނޫފައިގެންފައިވާ ތަންތަނާއި އަނިޔާގެ ނިޝާންތައް ކަމަށް ބެލެވޭ ގިނަ ތަންތަން ހުރި ކަމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ޖަމީލަށް އަނިޔާކޮށް ފަރުވާ ދިނުމުގައި އިހްމާލުވި ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ސިޓީގައި ވަނީ ޖަމީލުގެ މަރުގައި ޝައްކު އުފެދޭ ކިތަންމެ ކަމެއް ހުރުމާ އެކު މިމަރުގެ މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހްމާލެއް ވޭތޯ އާއި ޖަލު އޮފިސަރުންގެ ފަރާތުން އަނިޔާކޮށްފައިވޭތޯ ބެލުމަށްވެސް އެދިފަ އެވެ. އަދި ބޭސްފަރުވާ ހިމެނޭހެން ގާނޫނުތަކާއި ގަވައިދުތަކުން ކަށަވަރުކޮށްދޭ އެންމެހާ ހައްގުތައް ޖަމީލަށް ފުރިހަމައަށް ލިބިދީފައިވޭތޯ ތަހުގީގުކޮށްދިނުމަށްވެސް އެޗްއާރްސީއެމްގައި އެދިފައިވެ އެވެ.
ޖަމީލު މަރުވީ އެއްވެސް މީހަކު ގަސްދުގައި ދިން އަނިޔާ އަކުން ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.