ރައީސް މުހައްމަދު ނަޝީދު

މަޖިލިސް ރައީސް މިހާރު އިންނަވަނީ ކުޑަދަށުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހެއްދެވުމަށްފަހު މަޖިލީހުގެ އިދިކޮޅު މެންބަރުންނާ އެކު މަޖިލިސް ކުޑަދަށުގައި ވަގުތު ހޭދަކުރައްވާ މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަސްލަމް މިއަދު އަވަސްއަށް ވިދާޅުވީ ހެނދުނު 8:45 ހާއިރު ރައީސް ނަޝީދު މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި ކަމަށެވެ. އަދި އިދިކޮޅު މެންބަރުންނާ އެކު އެމަނިކުފާނު އެކުރައްވާ މަޝްވަރާއެއް ކުރެއްވި ކަމަށެވެ.

"ހަމަ ގަސްދުގައި މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލިސް ރައީސް އެ އަމަލުކުރައްވަނީ. މިއީ ވަރަށް ދެރަކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދު މަޖިލީހުގެ ކުޑަދަށުގައި އިދިކޮޅު މެންބަރުންނާ އެކު އިންނަވަނިކޮށް ފޮޓޯ ނެންގެވުމަށްފަހު އެ ފޮޓޯތައް ބައެއް މެންބަރުން ވަނީ ފޮނުއްވާފަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި މަޖިލީހުގެ ކުޑަދަށުގައި ރައީސް ނަޝީދު އިންނަވާއިރު އަރިހުގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް އިންނަވަ އެވެ. އަދި ރައީސް ނަޝީދާއި އީވާ ނުހުންނަވާ ވަގުތުތަކުގައި މިހާރަކަށް އައިސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް އިންނަވަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އަފީފް މަޖިލީހަށް ވަޑައިގެންނެވިތޯ އަސްލަމަށް ދެންނެވުމުން ވިދާޅުވީ އަފީފް މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް އޭނާއަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލިސް ރައީސް އެންގެވުމުން ކަމަށެވެ.

"އަޅުގަނޑަށް އެނގިގެން މަޖިލިސް ރައީސް ނެތް އަފީފަށް އަންގަވާފައެއް މަޖިލިސް ރިޔާސަތު ބަލަހައްޓާކަށް. އެހެންވެ މިދެންނެވީ މިއީ މަޖިލީހުގެ ރައީސް ޑެލިބަރޭޓްކޮށް ކުރައްވާ ކަމެކޭ،" އަސްލަމް ވިދާޅުވި އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ނަޝީދުގެ އަރިހުގައި ކުޑަދަށުގައި ތިއްބެވީ "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ މެންބަރުންނެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު މަޖިލީހުގެ އިދާރާއަށް އަންގަވާފައިވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެންނެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އެ މައްސަލައިގައި މަޖިލީހުން ގޮތެއް ނުނިންމަނީސް އެމަނިކުފާނަށް ރިޔާސަތު ނުބެލެހެއްޓޭނެ އެވެ.