އުރީދޫ

އުރީދޫ މަސްރޭސް މިފަހަރު ހަތަރު ސިޓީގައި

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖުމްލަ 160،000 ރުފިޔާގެ އިނާމާއެކު އުރީދޫ މަސްރޭސް 2023 މި އަހަރު ރާއްޖޭގެ ހަތަރު ސިޓީއެއްގައި ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް މާލެ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އޮންލައިން ޕޯޓަލް ހުޅުވާލާފައިވާއިރު މިއަހަރުގެ މުބާރާތް ބާއްވަނީ އުރީދޫ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެންނެވެ.

މަސްރޭހާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މަސްރޭހުގެ ޕާޓްނަރަކަށްވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއް،" ޑރ. ހުސެއިން ވިދާޅުވި އެވެ.

މަސްރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމުގެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މަސްރޭހުގައި ފޯރިއާއި އުފާވެރިކަމުގައި އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ހަތަރު ސިޓީއަށް މުބާރާތް ފުޅާކޮށްފައިވާ ކަމަށެވެ.

"މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނާ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވަން." ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

މަސްރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އުރީދޫން ބުނެ އެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫން ބުނެ އެވެ.

މުބާރާތް ބާއްވާ ތާރީހުތައް

  • މާލެ ސިޓީ - އޮގަސްޓް ހަތަރެއް
  • ކުޅުދުއްފުށި ސިޓީ - އޮގަސްޓް 11
  • އައްޑޫ ސިޓީ - އޮގަސްޓް 18
  • ފުވައްމުލައް ސިޓީ - އޮގަސްޓް 25

އުރީދޫ މަސްރޭހުގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު އަދި ގިނަވެގެން 30 ޓީމު ވާދަކުރާނެ ކަމަށް އުރީދޫން ބުނެ އެވެ. 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓާވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.

މުބާރާތުގެ އެއްވަނަ ޓީމަށް 25،000 ރުފިޔާ ލިބޭއިރު ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން އެންމެ މޮޅު މަސްވެރިޔާއަށް 1،000 ރުފިޔާ އަދި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1،000 ރުފިޔާ ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ މަސްރޭސްގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް މަރުހަބާ ކިޔާ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.