ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމު ހައްޔަރުކޮށް އުމުރަށް ޖަލަށްލީ މައްސަލައިގައި ބަދަލު ހޯދުމަށް ދައުވާކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާޒިމު ހައްޔަރުކޮށް 2015 ވަނަ އަހަރު އުމުރަށް ޖަލަށްލީ މަކަރާއި ހީލަތް ހެދުމުގެ ކުށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ސާބިތުވުމުންނެވެ.
ނަމަވެސް ހުކުމް އަލުން މުރާޖައާކުރުމަށް ނާޒިމު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ފަހުން ސުޕްރީމް ކޯޓުން އިއްވި ހުކުމެއްގައި ވަނީ ނާޒިމު މިނިވަންކުރަން އަމުުރުކޮށްފަ އެވެ.
ރައީސް ޔާމީން އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ނާޒިމަށް ހުކުމްކޮށް އޭނާ ޖަލަށްލުމާ ގުޅިގެން އޭރު ހުންނެވި މަޖިލީހުގެ ގޮނޑިވެސް ގެއްލިފައިވެ އެވެ.
ނާޒިމު މިނިވަންވުމާ އެކު އޭނާ ވަނީ ނުހައްގުން ހައްޔަރުކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކޮށްފަ އެވެ. އެކަމަކު ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. ދަށު ކޯޓުގެ ހުކުމް ނާޒިމުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ނިންމީ ނާޒިމު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ މިނިވަންކުރަން ސުޕްރީމް ކޯޓުން ފަހުން ނިންމި ނަމަވެސް ހައިކޯޓުން ކުރީގެ ހުކުމެއް ބަދަލުކޮށް ބަދަލު ދޭން ނުޖެހޭ ކަމަށެވެ.
ނާޒިމު ބަދަލު ހޯދަން ކުރާ ދައުވާގައި އެދިފައިވަނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ގޮނޑި ގެއްލުމުން އޭރު ލިބުނު މެންބަރު ކަމުގެ މުސާރައާއި އިނާޔަތްތަކާއި އަދި އޭނާ ބަންދުކުރުމުން ލިބިފައިވާ އެހެން ގެއްލުންތަކަށްވެސް ބަދަލު ހޯދުމަށެވެ.
ސުޕްރީމް ކޯޓުގައި ނާޒިމު އިސްތިއުނާފް ކުރި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ބަދަލު ހޯދުމަށް ނާޒިމު ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ހުށަހަޅުއްވައިފިނަމަ ސިވިލް ކޯޓަށް މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ނާޒިމު މިނިވަން ކުރި ނަމަވެސް އޭނާ ޖަލަށް ދިޔައިރު ހުންނެވި ދިއްގަރު ދާއިރާގެ ގޮނޑި އަލުން ލިބޭނެ ކަމަށް އޭރު ނިންމާފައެއް ނުވެ އެވެ.