ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ އަންހެން ފަނޑިޔާރުން 2018 ވަނަ އަހަރަށް ވުރެ އިތުރުވެއްޖެ ކަމަށާއި މިއީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަން އެޕާޓީގެ އަންހެނުންގެ ރޫހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން ޝަރުއީ ދާއިރާ އަށް ވަނީ ބަދަލު ގެނެސްފައި ކަމަށެވެ.
އެގޮތުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު އަންހެން ފަނޑިޔާރުންގެ ނިސްބަތް ވަނީ ބޮޑުތަން މަތިވެފައި ކަމަށް ވިދާޅުވި އެވެ. 2018 ވަނަ އަހަރު ރާއްޖޭގެ ކޯޓުތަކުގައި ތިއްބެވީ އެންމެ 10 އަންހެން ފަންޑިޔާރުންނެވެ. ނަމަވެސް މިއަދު އެ ކޯޓުތަކަށް 26 އަންހެން ފަންޑިޔާރުން އައްޔަނު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މީ 100 ޕަސެންޓަށް ވުރެ ބޮޑު އިތުރުވުމެއް. އެކަމަކު އަދިވެސް މި އަދަދު އިތުރުކުރަން ޖެހޭ،" ހިސާން ވިދާޅުވި އެވެ.
ހިސާން އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ހައި ކޯޓާއި ސުޕްރީމް ކޯޓުގައިވެސް އެއްވެސް އަންހެން ފަނޑިޔާރަކު ނެތް ކަމަށެވެ. ނަމަވެސް މިހާރު އެ ކޯޓުތަކުގައި އަންހެން ފަނޑިޔާރުންގެ އިންސައްތަ 42 ޕަސެންޓަށް އަރާފައިވާ ކަން ފާހަގަކުރެއްވި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުޑީޝަލް އެކަޑަމީގައިވެސް މިހާރު ގިނަވާނީ އަންހެން މުވައްޒަފުން ކަމުގައިވެސް ހިސާން ވިދާޅުވި އެވެ.
"ޖުޑިޝަރީގައި މިހާރު އިސްކޮށް ގިނައިން ތިއްބެވީ އަންހެނުން،" ހަސީނާ ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ހިސާން ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނާ ދެކޮޅަށް ސުވާލުތައްކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އެގޮތުން ވަކި އަދަދަކަށް އަންހެން ފަނޑިޔާރުން އައްޔަނުކުރުމުން ފުދޭ ހެއްޔޭ ބުނެ ކުރާ ސުވާލުތަކަށް ނިމުމެއް އަންނަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
"ތަނެއްގައި ތިބި 54 ފިރިހެނުންނަކީ ފުދޭވަރެއް ހެއްޔޭ ސުވާލު ނުއުފައްދާ،" ތަފާތުކުރުން އޮތް ކަމަށް ދޭހަވާ ގޮތަށް ހިސާން ވިދާޅުވި އެވެ.