ބޭނުންފުޅުވާ ވަރަށް ބާރު ސްޕީޑުގައި ޝަރުއީ ދާއިރާ އިސްލާހު ނުކުރެވުނަސް ޝަރުއީ ދާއިރާގެ އިސްލާހުތައް ލަސް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ލ. ފޮނަދޫގައި އިއްޔެ ބޭއްވި ކެމްޕޭން ޖަލްސާ ނިންމާލުމަށްފަހު ރައީސް އާއި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ބައެއް ކަހަލަ ނުފޫޒުތަކާއި ހެދި އެމަނިކުފާނު ބޭނުންފުޅުވި ވަރަށް ބާރު ސްޕީޑުގައި ޝަރުއީ ދާއިރާ އިސްލާހު ނުކުރެވުނު ކަމަށެވެ. އެހެންނަމަވެސް ޝަރުއީ ދާއިރާގެ އިސްލާހުތައް ލަސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް ވުރެ ބޮޑަށް ރައްޔިތުންގެ އިތުބާރު ސުޕްރީމް ކޯޓަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ދަށު ކޯޓުތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވާނެ ކަމަށާއި އެހެންނަމަވެސް އަދިވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭނުންފުޅުވި ބާރު ސްޕީޑުގައި އެ މަސައްކަތްތައް ނުގެންދެވުނު ކަމުގައިވިޔަސް އެ މަސައްކަތްތަކަކީ އެމަނިކުފާނު ހުއްޓާލައްވާނެ މަސައްކަތްތަކެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ފުރަތަމަ ދެތިން މަހުގައި ކޯޓުތަކަށް ވަރަށް ބޮޑޫ ބަދަލެއް ގެނެވިފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެކިއެކި ނުފޫޒާ ހެދި އަދިވެސް އަޅުގަނޑު ހިތުން ކުރަން ބޭނުންވި ބާރު ސްޕީޑްގައި އަޅުގަނޑަކަށެއް އެ ކަމެއް ކުރިއަށް ނުގެންދެވުނު. އެކަމަކު އެއީކީއެއް އަޅުގަނޑުމެން ހުއްޓާލާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރަށް އެމަނިކުފާނު ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަކީ އެމްޑީޕީން ވެފައިވާ ވައުދެއް ކަމަށެވެ. އެހެންނަމަވެސް ޖޭއެސްސީ އިސްލާހު ކުރުމަށް ވަރަށް ގިނަ ބައެއްގެ ހިޔާލު ހޯދަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. މިހާރު އެކަންކޮށް ގާނޫނީ ކަންތައް ނިންމުމަށްފަހު، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް، ޖޭއެސްސީ އިސްލާހު ކުރުމަށް ބިލް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.