ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެރިކަމަށް އައީ އިންސާފު ހޯދައިދޭން، އެކަން އެބަކުރެވޭ: ރައީސް

އެމްޑީޕީގެ ކޮންމެ ސަރުކާރެއްގައިވެސް އެންމެ މުހިއްމު އެއް ސިޔާސަތަކީ އިންސާފު ގާއިމުކުރުން ކަމަށާއި ރައްޔިތުންނަށް މިއަދު އަމަލީ ގޮތުން އެކަން ކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރ. މީދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގެ އެއް ސިޔާސަތު ކަމުގައިވާ ހެޔޮވެރިކަމުގެ ސިޔާސަތުގެ ދަށުން އެންމެ މުހިއްމު އެއް މަސައްކަތަކީ އިންސާފު ގާއިމުކުރުން ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުވެސް ސިޔާސަތަކީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހުރިހާ އެންމެނަށްވެސް ހަމަހަމަ ކަމާއި އެކީގައި ކަންތައްތައް ކޮށްދިިނުން ކަމަށެވެ.

"އެ ސިޔާސަތު އެގޮތަށް ތަންފީޒު ކުރުމުން އަޅުގަނޑުމެންނާއި ދޭތެރޭގައި އޮތް އިތުބާރު އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވާ މަންޒަރު ކޮންމެ ރަށަކުންވެސް ފެނިގެން އެދަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ވުޖޫދުވެގެން އައީ އެ ބިންގަލުގެ މައްޗައް ކަމަށެވެ. އެއީ އިންސާފު ނުލިބި އެކަމުން މަހުރޫމުވެފައި ތިބި އެތައް ބަޔަކަށް އިންސާފު ހޯދައިދިނުމުގެ ބިންގާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގައި ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ހޯދައިދެވިއްޖެ ކަމަށެވެ.

"ހާއްސަކޮށް ސުޕްރީމް ކޯޓާއި ދޭތެރޭގައި ކުރިން އޮތް ޝައްކު ފިލައި ސުޕްރީމް ކޯޓަށް އޮތް އިތުބާރު ބޮޑު ތަނުން އިތުރުވެއްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާފު ގާއިމުކުރުމުގެ ތެރޭގައި އަންހެން ފަނޑިޔާރުންގެ ދައުރު ވަނީ ފުރަތަމަ ފަހަރަށް އިތުރު ކުރެވިފައި ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗަށް މިއަދު ވަނީ އަންހެން ފަނޑިޔާރުން އައްޔަނު ކުރެވިފައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ގާނޫނީ ވަކީލުންގެ މަސައްކަތްތައް، ގާނޫނީ ގޮތުން ރެގިއުލޭޓު ކުރުމަށާއި މިހާރަށް ވުރެ ޕްރޮފެޝަނަލް ބަޔަކަށް ހެދުމަށްޓަކައި މިހާރު ވާނީ ގާނޫނު ވަކީލުންނާއި ބެހޭ ގާނޫނެއް ފާސްކޮށް، އެ ތަންފީޒުވެސް ކުރަން ފަށާފައި ކަމަށެވެ.

ރައީސްގެ މި ދައުރު ނިމެން މި އޮތް ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރ. މީދޫގެ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށާއި އާ ހޮސްޕިޓަލް ހެދުމުގެ މަސައްކަތްވެސް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މީދޫގެ ވައުދުތައް

  • ބިން ހިއްކައި ހައުސިން މަޝްރޫއެއް ފެށުން
  • މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • އާ މިސްކިތެއް އަޅައިދިނުން
  • މުޅިން އާ އިންޖީނު ގެއެއް އަޅައިދިނުން
  • ވޮލީ ކޯޓެއް އަޅައިދިނުން
  • ކޮމިއުނިޓީ ސެންޓަރެއް އަޅައިދިނުން

މީގެ ކުރިން މީދޫއަކީ ވަކި ޕާޓީއެއްގެ ޖަގަހަ އެއްގެ ގޮތުގައި ބަލަމުން އައި ތަނެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް މިހާރު މީދޫގެ ގިނަ ރައްޔިތުން އެމަނިކުފާނާ އެކު ތިބި ކަމުގައިވެސް ވިދާޅުވި އެވެ. ސިޔާސީ ހިޔާލު ތަފާތުވުން މީދޫގައި އޮތް ނަމަވެސް ރަށަށް ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގައި މީދޫގެ ރައްޔިތުންގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.