ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެރިކަމުގެ ބޭނުން ނާޖާއިޒު ގޮތުގައެއް ނުހިފާނަން: ރައީސް

ވެރިކަމުގައި ކިތަންމެ ބައިވަރު ބާރުތަކެއް ލިބިފައިވީނަމަވެސް އޭގެ ބޭނުން ނާޖާއިސް ގޮތުގައި ނުހިފާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބ. ކުޑަރިކިލުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގައި ހުންނަ މީހަކަށް ވަރަށް ބައިވަރު ބާރު ލިބިފައިވާނެ ކަމަށެވެ. އެ ބާރުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފިއްޖެނަމަ ގައުމު ހަމަނުޖެހުމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.

"ވެރިއަކަށް ހުންނަ މީހަކު ބޭނުން ވެއްޖެއްޔާ ހަމައެކަނި ގޮސް ސުޕްރީމް ކޯޓުގެ ފުރާޅު އެކަންޏެއް ނޫން ނެގޭނީ. އެއް ފަހަރާ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ހުރިހާ ފުރާޅެއްގެ ޓިނުވެސް ނެގިދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަންކަން ކުރެވެނީ ވެރިކަމުގައި އެ ބާރު ލިބިފައިވާތީ ކަމަށާއި އެހެން އެކަން އޮތް ކަމުގައި ވިޔަސް އެމަނިކުފާނު އެއްވެސް ކަމެއްގައި ނާޖާއިޒު ގޮތުގައި ބާރުތައް ނުހިފާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަން ލިބުމުން ގާނޫނުއަސާސީންނާއި ގާނޫނުތަކުން ލިބިފައިވާ ބާރު ހިތުހުރި ގޮތަކަށް ހިފައިގެން ގައުމަށް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. އަދި މިއަދު ގައުމަށް ލިބިފައި އޮތް ހަމަޖެހުމަކީ އެގޮތަށް ކަންތައް ނުކުރުމުން ލިބިފައި އޮތް ހަމަޖެހުމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ކައިރީ މިހާރު ކުރިމަތިލައްވާފައިވާ ބައެއް ބޭފުޅުންވެސް ބައެއް ފަހަރު މަޝްވަރާ ދެއްވައިފި، ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ކޮން ކަހަލަ ބާރުތަކެއްތޯ ލިބިފައި ހުރީ. އޭގެ ބޭނުން ކުރައްވާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަހަމަ ގޮތުގައި ބާރުތައް ބޭނުންކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށާއި އަދި ހަމައެކަނި ވެރިކަމުގައި ހުންނަ ބޭފުޅަކަށް ފެންނަ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައިގެން ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށެވެ. ގައުމުގެ ތަރއްގީއަށް ނިންމާ ނިންމުމަކީ ރައްޔިތުންނާއި ކައުންސިލުތަކާއި މަޝްވަރާ ކުރުމަށްފަހު ނިންމާ ނިންމުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އެކަންތަކަކީ ފުރިހަމަ މިނިވަންކަމާއި އެކީގައި ކުރެވެންޖެހޭ ކަންތައްތަކެއް ކަމަށާއި ޝަރުއީ ކޯޓުތައް މިނިވަންކަމާއި އެކީގައި އެ މަސައްކަތްކުރަނީ އެ ބޭފުޅުން ކުރާ މަސައްކަތްތަކަށް މި ސަރުކާރުން ފުރުސަތު ދޭތީ ކަމަށްވެސް ވިދާޅުވި އެވެ.

"ދައުލަތަށް ލިބޭ ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަށް ލީމަކާ ފައިސާ އެއްވެސް ނުހުންނާނެ. ދެން އެކަންތައްތައް ބަލާފަ ކޯޓުން ނިންމީމަ މި ބުނަނީ ދޫކޮށްލާށޭ. އެކިހިނެއްތޯ އެކަން ކުރަނީ އަޅުގަނޑުމެން؟" ރައީސް ޔާމީނަށް ފާޑުކިޔަމުން ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ޓެކްސް ދައްކަނީ ރައްޔިތުންނަށް ސަރުކާރުން ހިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމަށް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފަ އެވެ. އަދި އެއީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ކަމަށާއި ޓެކްސް ގޮތުގައި ލިބޭ ފައިސާ އެހެން ކަމަކަށް ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ކުޑަރިކިލު ވައުދުތައް

  • ސިއްހީ މަރުކަޒު އިތުރަށް ފުޅާކުރުން
  • ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައިދިނުން
  • މަލްޓިޕާޕަސް ހޯލް ހަދައިދިނުން
  • ޒުވާނުންގެ މަރުކަޒެއް ހަދައިދިނުން
  • އޭޓީއެމްގެ ހިދުމަތް ފެށުން
  • ފުޓުބޯޅަ ދަނޑު ހަދައިދިނުން
  • ކުޑަކުދިންގެ ޕާކެއް ހަދައިދިނުން
  • ކަރަންޓުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅަށް ލިބޭނެ ގޮތް ހަދައިދިނުން

ރައީސް ކުޑރިކިލަށް ކުރެއްވި ދަތުރުފުޅަކީ ބ. އަތޮޅުގެ އެންމެ ފަހު ރަށުގެ ގޮތުގައި ކުރެއްވި ދަތުރުފުޅެވެ. ރައީސް މިހާރު ހުންނެވީ ރ. ކިނޮޅަހުގައެވެ.