ހަބަރު

ގޮނޑި ހާއްސަ ކުރި ހުކުމް އިސްތިއުނާފު ކުރަނީ

Jan 24, 2021
2

ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ހާއްސަ ކުރި ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާއިރު، އެ ނިންމުން އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެއިން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިވާ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، މޫސާ އަންވަރެވެ.

އެ މައްސަލަ ބެލުމަށް ފަހު ނިންމީ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގު ވެގެން ނިންމި ނިންމުމުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ މާއްދާތަކުން ތަފާތުކުރުން ފެންނަން އެބަހުރި ކަމަށެވެ.

އެގޮތުން ވަކިކަންކަމުގައި އުމުރުތައް ކަނޑައަޅާފައި ހުރުމުން ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހުރިކަންކަމަކީ މުތުލަގުކޮށް ދީފައިވާ ހައްގުތައް ނޫންކަން އެނގޭ ކަމަށެވެ.

އެހެންކަމުން، އިންތިހާބަކަށް އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރުމަކީ ޖިންސުގެ ތަފާތުކުރުންތަކެއް ނަމަވެސް އެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމަކަށް ނުވާނެކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ.

އެ ނިންމުމާ ގުޅިގެން، މޫސާ އަންވަރު ވިދާޅުވީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އަދި އެހެން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޖެންޑާ ކޯޓާ ކަނޑައަޅާފައިވާ ގޮތަށް އެކަށީގެންވާ ގޮތެއްގައި ރިއާއަތްނުކުރުމަކީ ނުރައްކަލެއް ކަމަށެވެ.

"ހައިކޯޓުގެ ހުކުމް ގާނޫނު އަސާސީގެ ހައްގުތަކުގެ ބާބު ކަފުން ކުރުމަށް ފުރުސަތު ލިބޭތީ، އަދި މި ހުކުމް ގާނޫނު މާނަކުރުމުގެ ހަމަތަކާއި އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ މަގުސަދުތަކާ ހިލާފުކަމަށްވާތީ، ސުޕްރީމް ކޯޓުގައު އިސްތިއުނާފު ކުރާނެ ވާހަކަ ދަންނަވަން،" މޫސާ އަންވަރު ވިދާޅުވި އެވެ.