ސުޕްރީމް ކޯޓަށް ނުވަތަ އެހެން ޝަރުއީ ކޯޓަކަށް ވެސް އިންތިހާބެއްގެ ތާރީހު ކަނޑަނޭޅޭނެ ކަމަށާއި މިފަދަ ހާލަތުގައި އިންތިހާބުގެ ތާރީހާ ގުޅޭ ގޮތުން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި ބިލު މަޖިލީހުގެ ތަޅުމަށް ތައަރާފު ކުރައްވަމުން އޭނާ ވިދާޅުވީ، ބަލިމަޑުކަމެއްގެ ހާލަތެއްގައި އިންތިހާބު ފަސް ކުރަން ގާނޫނު އަސާސީން ޖާގަ ދޭ ކަމަށާއި މިފަދަ ހާލަތެއްގައި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް ލޯކަލް ކައުންސިލްތަކުގެ ދައުރަށް ވަކި މުއްދަތެއް ގާނޫނުގައި ކަނޑައެޅިފައި އޮތްއިރު، ކައުންސިލްތަކުގެ މުއްދަތު ކޯޓަކަށް ނުވަތަ ވަކި އެހެން މުއައްސަސާއަކަށް ވެސް އިތުރު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. މީގެ ކުރިން ރާއްޖޭގައި އެ ކަން އެ ގޮތަށް ކޮށްފައި އެބަ އޮތް ކަމަށާއި އޭގެ ސަބަބުން ގާނޫނީ އެތައް ހުރަސްތަކެއް މީގެ ކުރިން ވެސް ދިމާވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ކަން ކުރަން ޖެހޭ ހާލަތެއްގައި ކަން ކުރަން ވާނެ ގޮތް ވެސް ގާނޫނެއްގައި ކަނޑައެޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ވައިރަސް ރާއްޖޭން ވެސް ފެނުމާ ގުޅިގެން އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ތާވަލު ކުރި ކައުންސިލް އިންތިހާބު ވަނީ އެ މަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބަލިމަޑުކަމުގެ ހާލަތުން ރާއްޖެ އަރައިގަނެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ލިބޭ ގޮތަށް އިންތިހާބު ފަސް ކުރުމަށް އެދި ކޯޓަށް މައްސަލަ ވައްދާފަ އެވެ.
ބިލުގެ ބަހުސްގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ފަސް ކުރުމަކީ ނުވަތަ އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ނުވަތަ އެހެން ކޯޓަކަށް ވެސް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދީފައިވާ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަންކަމުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ރިޕޯޓަށް އިޝާރާތް ކުރައްވައި އެެ ކޮމިޝަނުގައި ވެސް އިންނަވާ ނަޝީދު ވިދާޅުވީ އެއީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން އެ ރިޕޯޓުގައި ވެސް ސާފުކޮށް ފާހަގަ ކޮށްފައިވާނެ ކަމަށެވެ.
"ސުޕްރީމް ކޯޓަށް ހަގީގަތުގައި ލިބިގެންވާ ބާރެއް ނޫން އެއީ އިންތިހާބު ފަސް ކުރުމުގެ ބާރު، ނުވަތަ އިންތިހާބުގެ ތާރީހު ކަނޑައެޅުމުގެ ބާރު. އިންތިހާބު ފަސް ކުރަން ޖެހޭނަމަ ދެން ފަރުވާއެއް ހޯދައިދެވެން އޮތް ތަނަކަށް މި އޮތީ މި އިއްޒަތްތެރި މަޖިލީސް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝިދު ވިދާޅުވީ، އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން ގާނޫނީ ފަރުވާއެއް ހޯދުމަށް މެންބަރުން އެކަމާ މެދު ވިސްނުމަކީ މިފަދަ ހާލަތެއްގައި ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އެ ކަމާ ވިސްނައި އެ ކަމާ މެދު ގާނޫނީ ފަރުވާއެއް ހޯދުމަކީ މެންބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މި ގޮތުން އިންތިހާބު ލަސް ކުރަން ހާލަތްތަކުގައި ލަސް ކުރެވޭނެ މުއްދަތާއި އޭގެއިން ނުކުމެދާނެ ނަތީޖާއަކާއި، ބަލިމަޑުކަމުން އަރައިގަނެވިގެން އިންތިހާބު ބާއްވާނަމަ އަރައިގަނަވޭނެ މުއްދަތެއް ވެސް އެބަ ޖެހޭ ސާފު ވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"[ޑަބްލިއުއެޗްއޯއާއި އެޗްޕީއޭ ގުޅިގެން އެކުލަވާލި] ސާވޭ އިން ފެންނަ ގޮތުގައި ތިން، ހަތަރު މަސް ދުވަސް، ހޭދަ ކުރަން ޖެހޭ. އިންތިހާބު ފަސް ކުރަން ޖެހޭ ނަމަ އެ ކަމަށް ކަން ކުރަންވީ ގޮތާއި އެ ކަމުގެ ވިސްނުން ގެންގުޅުމަކީ މެންބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި އަޅުގަނޑަށް ވެސް ފެނޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.