ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިލެކްޝަންސް ކޮމިޝަން

އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އަންނަ މަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސް ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅައިފި އެވެ.

މީގެ ކުރިން މި މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް ކޮމިޝަނުން ވަނީ ހައިކޯޓަށް ހުށަހެޅި މައްސަލަ ނަގާފަ އެވެ. އެ މައްސަލަ ނެގުމަށްފަހު އިއްޔެ ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް އަވަސްއަށް ވިދާޅުވީ އެ މައްސަލައަކީ މުޅި ގައުމާ ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެފަދަ މައްސަލައަކަށް ވާތީ، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވީ ކަމަށެވެ.

އިންތިހާބުތަކާ ގުޅޭ ދުސްތޫރީ މައްސަލަތަކުގެ ފުރަތަމަ މަރުހަލާއަކީ ހައިކޯޓު ނަމަވެސް ސުޕްރީމް ކޯޓަށް ހަމައެކަނި އިހްތިޔާރު ލިބޭ ދުސްތޫރީ މައްސަލަތަކެއް ވެސް ހުރެ އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިދިޔަ އާދީއްތަ ދުވަހު މައްސަލަ ހުށަހެޅުއްވުމަށް ފަހު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ވަނީ އިންތިހާބުގައި ވޯޓުލުން ހަތަރުވަނަ ދުވަހުން 18 ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ. އެއީ އިލެކްޝަން ކޮމިޝަނަށް އިންތިހާބު ފަސް ކުރެވެން އޮތް އެންމެ ލަސް ތާރީހެވެ. އިތުރަށް ފަސް ކުރާނަމަ، ކޯޓު އަމުރެއް އިލެކްޝަން ކޮމިޝަނަށް ބޭނުންވެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އެދިފައިވާނީ ކޮވިޑް-19 އާ ގުޅިގެން ގައުމު އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަ ކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން އެދެން ޖެހުނު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ވެސް އަދި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުން ދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވެސް އަންގާފައިވާތީ ކަމަށެވެ. އަންނަ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބާއްވާ ނަމަވެސް ކުއްލި ހާލަތުގެ މި މުއްދަތުގެ ތެރޭގައި މީހުން އެއްވެ، ގިނަ ކަންތައްތަކެއް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް ސިވިލް ސާވިސް ކޮމިޝަން ތަދައްހުލްވުމަށް ވެސް އޮތީ ނިންމާފަ އެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިހާބު ފަސް ކުރާނަމަ، އިންތިހާބު ވާދަކުރާތީ ސިވިލް ސާވިސް ގަވައިދުގެ ދަށުން ސަސްޕެންޑްވެފައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ މަސްލަހަތު ހިމެނޭތީ އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވުމަށް ނިންމާފައިވާ ކަމަށެވެ.