ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު މައްސަލަ އީސީއިން ހައިކޯޓުން ނަގައިފި

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިިލް އިންތިހާބު ފަސްކުރުމަށާއި އެހެން ތާރީހެއް ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ހައިކޯޓުން މިއަދު ބުނީ އިލެކްޝަން ކޮމިޝަނުން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޮމިޝަނުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. މައްސަލަ އަނބުރާ ގެންދިޔަ ސަބަބެއް އިލެކްޝަނުން އަދި ނުބުނެ އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިދިޔަ އާދިއްތަ ދުވަހު މައްސަލަ ހުށަހެޅުއްވުމަށްފަހު ވިދާޅުވި ގޮތުގައި ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މީގެކުރިން ވަނީ އިންތިހާބުގައި ވޯޓުލުން ހަތަރުވަނަ ދުވަހުން 18 ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ. އެއީ އިލެކްޝަން ކޮމިޝަނަށް އިންތިހާބު ފަސްކުރެވެން އޮތް އެންމެ ލަސް ތާރީހެވެ. އިތުރަށް ފަސްކުރާނަމަ، ކޯޓު އަމުރެއް އިލެކްޝަން ކޮމިޝަނަށް ބޭނުންވެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އެދިފައިވާނީ ކޮވިޑް19އާ ގުޅިގެން ގައުމު އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެދެން ޖެހުނު ސަބަބަކީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ހާލަތު ވެސް އަދި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ވެސް އަންގާފައިވާތީ ކަމަށެވެ. އަންނަ މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބާއްވާނަމަވެސް ކުއްލި ހާލަތުގެ މި މުއްދަތުގެ ތެރޭގައި މީހުން އެއްވެ، ގިނަ ކަންތައްތަކެއް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް ސިވިލް ސާވިސް ކޮމިޝަން ތަދައްހުލްވުމަށް ވެސް އޮތީ ނިންމާފަ އެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އިންތިހާބު ފަސްކުރާނަމަ، އިންތިހާބު ވާދަކުރާތީ ސިވިލް ސާވިސް ގަވައިދުގެ ދަށުން ސަސްޕެންޑްވެފައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ މަސްލަހަތު ހިމެނޭތީ އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވުމަށް ނިންމާފައިވާ ކަމަށެވެ.