ޖިންސުގެ ހަމަހަމަކަން ކަށަވަރު ކުރަން ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވެފައި ވަނީ ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ހާއްސަ ކުރި ނިންމުން ރަނގަޅު ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅި ހުކުމަށް އިޝާރާތް ކުރައްވަ އެވެ.
ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެއިން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިވާ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ.
އެ މައްސަލަ ބެލުމަށް ފަހު ނިންމީ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގު ވެގެން ނިންމި ނިންމުމުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ މާއްދާތަކުން ތަފާތުކުރުން ފެންނަން އެބަހުރި ކަމަށެވެ. އެގޮތުން ވަކިކަންކަމުގައި އުމުރުތައް ކަނޑައަޅާފައި ހުރުމުން ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ހުރިކަންކަމަކީ މުތުލަގުކޮށް ދީފައިވާ ހައްގުތައް ނޫންކަން އެނގޭ ކަމަށެވެ.
އެހެންކަމުން، އިންތިހާބަކަށް އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރުމަކީ ޖިންސުގެ ތަފާތުކުރުންތަކެއް ނަމަވެސް އެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމަކަށް ނުވާނެކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ކުރެއްވި ވަކީލުންނަށް ތައުރީފު ކުރައްވައި، ރިފްއަތު ވިދާޅުވީ މުޖުތަމައުގެ އާދަކާދާއި ވިސްނުން ޒަމާނާއި ހާލަތަށް ބަދަލުކުރުމަށްޓަކައި ގާނޫނަކީ ހަމައެކަނި ވަސީލަތެއް ކަމަށެވެ.
"ޖިންސުގެ ހަމަހަމަކަން ކަށަވަރުކުރުމަށް ވިސްނުން ބަދަލު ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ހައިކޯޓުގެ ހުކުމް ގާނޫނު މާނަކުރުމުގެ ހަމަތަކާއި އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ މަގުސަދުތަކާ ހިލާފުކަމަށްވާތީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އެ މައްސަލަ ހުށަހެޅި މޫސާ އަންވަރު ވަނީ ވިދާޅުވެފަ އެވެ.