އެޓާނީ ޖެނެރަލް

ބިންތަކާ ގުޅޭ މައްސަލަތައް ކައުންސިލްތަކަށް ފޮނުވާލަނީ

ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާ ގުޅޭގޮތުން ކައުންސިުލްތަކުގެ މައްޗަށް ދައުވާ އުފުލި ޝަރުއީ ކޯޓްތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން އެޓާނީ ޖެނެރަލްގެ އޮފީހުން ހާޒިރުވާން ޖެހޭ ގޮތަށް ހުށައަޅައި ހިނގަމުންދާ މައްސަލަތައް ރައްދުވާ ކައުންސިލްތަކަށް އަނބުރާ ފޮނުވާލަން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން އިއްޔެ މިގޮތަށް ހުކުމްކޮށްފައިވަނީ އދ. ފެންފުށީގެ ބިމެއްގެ މައްސަލާގައި އެ ރަށު ކައުންސިލާ ދެކޮޅަށް ރައްޔިތަކު ހުށަހެޅި މައްސަލައެއްގަ އެވެ. އެ މައްސަލަ ފުރަތަމަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުލަތަށް ރައްދުވާ މައްސަލައެއް ގޮތަށެވެ.

މައްސަލައިގައި ޖަވާބުދާރީވާން އެ ކައުންސިލަށް އެންގުމުން ކައުންސިލުން ބުނެފައިވަނީ ވަކީލަކު ނެތް ކަމަށާއި ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވާނީ އެޓާނީ ޖެނެރަލް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އޭޖީ އޮފީހަށް ޖަވާބުދާރީ ވާން ހައިކޯޓުން އެންގި އެވެ.

ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 21 ވަނަ މާއްދާއާއި ހަވާލާދީ އޭޖީ އޮފީހުން ބުނެފައިވަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ސަހުސަކަށް ވާތީ މި މައްސަލައިގައި ވަކާލާތު ކުރަން ނުފެންނަ ކަމަށެވެ. އެހެންކަމުން މައުލޫއީ މައްސަލަ ބޭއްވުމަށްފަހު ހައިކޯޓުން ވަނީ އެ ހިޔާލުތަފާތުވުމަށް ގޮތެއް ނިންމާފަ އެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ކައުންސިލަކީ ގާނޫނީ ޝަހްސަކަށްވީ ނަމަވެސް ދައުލަތް ތަމްސީލުކުރުމުގެ ބާރު ކައުންސިލަށް ލިބިދީފައި ނެތް ކަމަށެވެ. ރަށު ކައުންސިލްގެ އިހްތިސާސްގައި ނުވަތަ ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން ހިމެނި އެބާރު ކައުންސިލްތަކަށް ލިބިދީފައި ނުވާ ކަމަށެވެ. އެހެންކަމުން ކައުންސިލްތައް ތަމްސީލުކުރަން ޖެހޭނީ އޭޖީ އޮފީހުން ކަމަށް އެ ނިންމުމުގައި ބުނެފައިވެ އެވެ.

އޭޖީ އޮފީހުން ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ހުކުމް އިއްވާފަ އެވެ. ހުކުމުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ދައުލަތް ހިންގުމަށާއި ދައުލަތް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުމަށް އާ މުއައްސަސާތަކާ އިދާރާތައް އުފައްދައިފައިވާ ކަމަށެވެ. އެފަދަ މިނިވަން މުއައްސަސާތަކާއި އިދާރާތަކަކީ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ނަމަވެސް ސަރުކާރާ ވަކިން އުފައްދާފައިވާ ގާނޫނީ ޝަހްސްތަކެއް ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ 21 ވަނަ މާއްދާގައި، ކައުންސިލްތަކަކީ ސަރުކާރާ ވަކިން އުފައްދާފައިވާ ގާނޫނީ ޝަހުސްތަކެއްގެ ގޮތުގައި ކަނޑައަޅައިފައިވާއިރު، ކައުންސިލްތަކަށް ސަރުކާރާ ވަކިން މުދާ މިލްކުކޮށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ ކަމަށެވެ.

"ލޯކަލް ކައުންސިލްތަކެއް އުފެދިފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން ހިމެނޭ ގާނޫނަކުން ކައުންސިލްތަކުގެ އިހުތިސޯސްގެ ތެރޭގައި ހިމަނާފައިވާ ކަންކަން ކުރުމަށް ސަރުކާރާ ވަކިން އަދި ރައްޔިތުން އިންތިހާބުކުރާ މެމްބަރުން ހިންގާ މިނިވަން ކައުންސިލްތަކެއްގެ ގޮތުގައި. ބަންޑާރަނައިބަކީ ސަރުކާރުގެ އިސް ގާނޫނީ ވަކީލު ކަމުގައިވާތީވެ ބަންޑާރަނައިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލްތައް ތަމްސީލުކުރުމަކީ ކައުންސިލްތަކަށް ދީފައިވާ މިނިވަންކަމަށް ފުށުއަރާ އަދި ބައެއްފަހަރު ދެފަރާތުގެ މަސްލަހަތުވެސް ފުށުއަރާފާނެ ކަމެއް،" ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.

އޭޖީ އޮފީހުން މިއަދުވެސް ބުނީ ހައިކޯޓްގެ ނިންމުން ސުޕްރީމް ކޯޓަށް ގެންދިޔައީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާއި އެ ގާނޫނުގެ މަގުސަދާއި ހައިކޯޓްގެ ނިންމުން ހިލާފު ކަމަށް ދެކޭތީ ކަމަށެވެ.