އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފްކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން މައުލޫއީ މައްސަލަ އަލުން ބަލަން ހައިކޯޓުން ނިންމައިފި އެވެ.
މި މައްސަލަ އަކީ މޫސާ ނަސީމް ކިޔާ މީހަކު އެމްޑަބްލިއުއެސްސީގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އެ މައްސަލައާ ގުޅޭ އޮޑިޓް ރިޕޯޓެއް ހޯދުމަށް އޭނާ އިންފޮމޭޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލައެކެވެ. އައިކޮމްއިން އެމްޑަބްލިއުސްއެސްސީ އަށް އެންގީ މޫސަ އެދުނު ގޮތަށް އެ ރިޕޯޓް އޭނާއަށް ދިނުމަށެވެެ. އެކަމަކު އެކުންފުނިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ.
މިމައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެ ކޯޓުގެ އިސްތިއުނާފީ އިހްތިސާސް ބިނާވެފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ މައްޗަށް ކަމަށެވެ. އެއީ ދަށު ކޯޓަކުން ނުވަތަ ގާނޫނަކުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ގާނޫނުއަސާސީއާއި، ގާނޫނަކާ ނުވަތަ ގަވައިދަކާ ހިލާފުވާ ކަމަށް ފާހަގަވެގެން މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތަކެއް ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
އެކަމަކު ހައިކޯޓުގެ އެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް މިއަދު ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ހައި ކޯޓުގެ ނިންމުމަކީ އަސާސީ ހައްގުތަކެއް ހަނިވާ ގޮތަށް ނުވަތަ ނިގުޅިގެންދާ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އައިކޮމްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ކަނޑައެޅުމުން، ދައުލަތުގެ އިދާރާއަކުން މައުލޫމާތު ހޯދަން އުޅޭ މީހަކަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާއި އިސްތިއުނާފުކުރުމުގެ ހައްގު ގެއްލިގެންދާނެ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ސުޕްރީމް ކޯޓުން ހުކުމްކުރުމާއި ގުޅިގެން މައުލޫއީ ގޮތުން މި މައްސަލަ އަލުން ބެލުމަށް ހައިކޯޓުންގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.