ސުޕްރީމް ކޯޓް

އައިކޮމްގެ ނިންމުންތައް ހައިކޯޓަށް ބެލޭނެ: ސުޕްރީމް ކޯޓު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ "ޓްރައިބިއުނަލް" ގެ ދަރަޖަ ލިބިގެންވާ ތަނެއް ނޫން ކަމަށް ކަނޑައަޅާ، އެ އޮފީހުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފް ނުކުރެވޭނެ ކަމަށް އެ ކޯޓުން ކަނޑައެޅީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް ނިންމާފައި ވަނީ އަމިއްލަ ފަރާތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) މެދުވެރިކޮށް ހޯދަން ހުށަހެޅި ރިޕޯޓަކާ ގުޅޭ މައުލޫމާތު ދިނުމަށް އެމްޑަބްލިއުއެސްސީއަށް އެންގުމުން، އެ ކުންފުނިން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގަ އެވެ.

މޫސާ ނަސީމް ކިޔާ މީހަކު އެމްޑަބްލިއުއެސްސީގެ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އެ މައްސަލައާ ގުޅޭ އޮޑިޓް ރިޕޯޓެއް ހޯދުމަށް އޭނާ ވަނީ އިންފޮމޭޝަނަރުގެ އޮފީހަށް ހުށަހަޅާފަ އެވެ. އައިކޮމްއިން އެމްޑަބްލިއުސްއެސްސީ އަށް އެންގީ މޫސަ އެދުނު ގޮތަށް އެ ރިޕޯޓް އޭނާއަށް ދިނުމަށެވެެ.

މިމައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެ ކޯޓުގެ އިސްތިއުނާފީ އިހްތިސާސް ބިނާވެފައިވަނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުން ބެލުމުގެ މައްޗަށް ކަމަށެވެ. އެއީ ދަށު ކޯޓަކުން ނުވަތަ ގާނޫނަކުން އުފައްދާފައިވާ ޓްރައިބިއުނަލަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ގާނޫނުއަސާސީއާއި، ގާނޫނަކާ ނުވަތަ ގަވައިދަކާ ހިލާފުވާ ކަމަށް ފާހަގަވެގެން މަސްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތަކެއް ކަމަށްވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މުއައްސަސާއެއް ކަމުގައި ބަލައިގެން އެ ކޮމިޝަންގެ ނިންމުމަކީ ޓްރައިބިއުނަލަކުން ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި ކުރިއަށް ގެންދެވިދާނެ ކަަމަށް ހައިކޯޓުގެ ނިންމުމުގައިވެ އެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އައިކޮމްގެ ނިންމުންތަކަކީ "އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއް" ކަމަށް ކަނޑައަޅާފައިވާތީ އިންފޮމޭޝަން ކޮމިޝަނަރަކީ ޓްރައިބިއުނަލެއްތޯ ބަލާއިރު އެގޮތަށް މާނަކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ހައިކޯޓުގެ އެ ނިންމުން އެޓާނީ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. މިއަދު އެ މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވީ އައިކޮމް އަކީ އަމިއްލައަށް ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ މުއައްސަސާއެއް ކަމަށެވެ.

ޓްރިބިއުނަލް އަކީ ޝަރުއީ ކޯޓަކަށް ނުވާ އެކަމަކު ދެފަރާތުގެ ދެމެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށްޓަކައި ގޮތް ކަނޑައެޅުމުގެ ބާރު ގާނޫނުން ލިބިދީފައިވާ ކޮންމެ މުއައްސަސާއެއްކަން ހުކުމުގައި ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އައިކޮމްގެ ނިންމުމެއް އިންތިއުނާފް ކުރުމަށް ތްރިބިއުނަލެއްގެ މާނައިގެ ތެރެއަށް ފެތެން ނުޖެހޭ ކަމަށް ހުކުމްގައި ބަޔާންކޮށްފައިވެ އެވެ.

ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ހޯދައި ލިބިގަތުމާ ބެހޭ އެންމެހައި ކަންކަން ތަންޒީމުކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ކަމުގައިވާތީ ކަމަށް ހުކުމްގައި ބުނެ އެވެ. ގާނޫނުން ވަކި ފަރާތަކުން ނިންމާ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފްކުރެވިދާނެ ނިންނުމުމެއްކަން ކަނޑައަޅައިފިނަމަ އަދި ކޯޓުތަކުގެ ގާނޫނަކާ އެކަމާ ފުށުއަރާ އެއްވެސް މާއްދާއެއް ނެތްހިނދު، އެއްވެސް ބަހުސެއްނެތި ގާނޫނަށް އަމަލުކުރުން ލާޒިމް ވާނެތީ އެވެ.

"އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުން މަގުފަހިކުރުމަށްޓަކައި، ގާނޫނުން އެ ކޮމިޝަނަށް ލިބިދެވޭ މައްސަލަ ހައްލުކުރުމުގެ ބާރު އެއީ އެ ކޮމިޝަން ޓްރިބިއުނަލް އެއްކަމަށް ބަލަންޖެހޭ ހުއްޖަތެއްނަމަ، ގާނޫނުން ދައުލަތުގެ އެކި އިދާރާތަކަށް ލިބިދެވިފައިވާ މިފަދަ ބާރުތަކުން ކޮންމެ އިދާރާއެއް އެއީ ޓްރިބިއުނަލެެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ ހަމަޖެހޭ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ." ފަނޑިޔާރު އަޒްމިރަލްދާގެ ރައުޔުގައި ވިދާޅުވި އެވެ.

ހުކުމްގައި ވަނީ ވަނީ ހައި ކޯޓުގެ ނިންމުމަކީ އަސާސީ ހައްގުތަކެއް ހަނިވާ ގޮތަށް ނުވަތަ ނިގުޅިގެންދާ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އައިކޮމްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ކަނޑައެޅުމުން، ދައުލަތުގެ އިދާރާއަކުން މައުލޫމާތު ހޯދަން އުޅޭ މީހަކަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާއި އިސްތިއުނާފުކުރުމުގެ ހައްގު ގެއްލިގެންދާނެ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން އައިކޮމްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށް ހުކުމުގައި ވަނީ ކަނޑައަޅައިފަ އެވެ.

ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔަށް ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒު އަލީ ވަނީ ތާއީދުކުރައްވާފަ އެވެ.