ހަބަރު

އަންހެނުންނަށް ހާއްސަ ކުރާ ގޮނޑީގެ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލި

Feb 28, 2020

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުބަލަން އެ ކޯޓުން ނިންމައިފި އެވެ.

އާންމު ފަރާތެއް ކަމަށްވާ މޫސާ އަންވަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާއަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް އޮންނަނީ ހައި ކޯޓަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލެން ނެތް ކަމަށެވެ.

މި ކަމާ ގުޅިގެން މޫސާ އަންވަރު ބުނީ އަންނަ ހަފުތާގައި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އޭނާ ބުނީ އެ މައްލަ ސުޕްރީމް ކޯޓަށް ވެސް ބެލޭނެ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުގައި އެ މައްސަލަ ރިވިއު ކޮށްދޭން ހުށަނާޅާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށާއި ގަނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހު، އެ އިސްލާހުތަކާއެކު ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. މި ބަދަލުތަކާއެކު އިންތިހާބު ބާއްވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ނިންމުމާ ގުޅިގެން ގިނަ މީހުންގެ ކަންބޮޑުވުންތައް އޮތީ ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރާ އުސޫލަށެވެ. އެ ސިޓީއެއް ދާއިރާތަކަށް ބެހުމަށް ފަހު ކޮންމެ ދާއިރާއަކުން މެންބަރަކު އިންތިހާބު ކުރާއިރު، އެއިން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑި ކަނޑައަޅަނީ ގުރުއަތު ލުމަކުންނެވެ.

އެހެންކަމުން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ފިރިހެނުންގެ ހައްގުތަކާއި އެ ދާއިރާއިން ބޭނުންވާ މީހަކު އިންތިހާބު ކުރުމުގެ ހައްގު ވޯޓު ލާ މީހުންގެ އަތުން ގެއްލޭ ކަމަށް ބައެއް މީހުން ބުނެ އެވެ.

މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން އަންހެނުންނަށް ހަ ދާއިރާއެއް ހާއްސަ ވާއިރު އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއެއް އަންހެނުންނަށް ހާއްސަކޮށްފައިވެ އެވެ. ފުވައްމުލަކުގެ ހަ ދާއިރާއިން ދެ ދާއިރާ އާއި ކުޅުދުއްފުށީގެ ހަ ދާއިރާއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަވެ އެވެ.

މީގެ އިތުރުން ފަސް މެންބަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުން ދެ ގޮނޑި، އަދި ހަތް މެންބަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުން ތިން ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. ހަތް މެންބަރުން އިންތިހާބު ކުރަނީ 3،000 އަށްވުރެ މަތީގެ އާބާދީގެ ރަށްތަކުގަ އެވެ. އެއަށްވުރެ ދަށުގެ އާބާދީގެ ރަށްތަކުން އިންތިހާބު ކުރަނީ ފަސް މެންބަރުންނެވެ.