ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމަކީ އިސްލާހީ މަސައްކަތުގައި އެޅުނު ޅަ އެއްޗެއް ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސް އިން ރޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމު ވިދާޅުވީ ރައީސް ސޯލިހް ވެރިކަމުން ދުރުކުރަންޖެހޭ ކަމަށާއި އެކަން ނުކޮށް ތިބެވެން ނެތް ކަމަށެވެ.
ރައީސް ސޯލިހަށް ކަންކަން އެނގިވަޑައިނުގަންނަވާ ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރައީސް ސޯލިހް ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ ރައްޔިތުން ބިކަވެ ހާލުގައި ޖެހޭނެ ދުވަހެއް ކަމަށެވެ.
"[ރައީސް ސޯލިހް ވެރިކަމަށް ގެނައުމަކީ] އަޅުގަނޑުމެންނަށް ހެދުނު ޅަ އެއްޗެއް. އެއީ ދެރަ ކަމެއް. އެހެން ނަމަވެސް މިއަދު ޖެހޭނީ އެ ހަގީގަތް ގަބޫލުކުރަން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ނިންމާލުމަށް ރައްޔިތުން ބުރަކޮށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އެމަސައްކަތް ކުރަން ފެށުމުން އަނިޔާކޮށް ޖަލަށްލާނެ ކަމަށާއި ނަމަވެސް އެ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިވެރިކަން ނިންމާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"ހަމަ ޔަގީނުންވެސް އަޅުގަނޑު މިހުރީ [ޖަލަށްވެސް] ދާން. ތިބޭފުޅުންވެސް ދާނެކަން ޔަގީން. އެކަން ނުކޮށެއް އެހާ ފަސޭހައިން މި ވެރިކަން ނިންމާ ނުލެވޭނެ." އާޒިމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ދަ ޑިމޮކްރެޓްސްގެ ރަޖިސްޓްރީ ދޫކުރުން ލަސްކުރާ މައްސަލައިގައި ވެސް އާޒިމު ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވަނީ އެ މައްސަލައިގައި މަގުމައްޗަށް ނިކުމެ ކޮމިޝަނަށް ފިއްތުއްތައް ކުރިމަތިކުރުމަށް ހިތްވަރު ދެއްވާ ވާހަކަ ދައްކަވާފަ އެވެ. އަދި ޕާޓީ ރަޖިސްޓްރީ ހޯދާނެ ކަމަށާއި އެ ރަޖިސްޓްރީ ޖެހޭނީ ދޭން ކަމުގައިވެސް ވިދާޅުވި އެވެ.
މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިންމާނެ ކަމަށެވެ. އެކަން ކުރެވޭނީ ދަ ޑިމޮކްރެޓްސް އިން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ކަމުގައިވެސް ވިދާޅުވި އެވެ.