ބޮލީވުޑް

ބަނޑުބޮޑު ބަތަލާއިންނަށް މަސައްކަތް ކުރެވޭނެކަން ދިޝާ ދައްކައިދީފި

އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ތިންވަނަ ސީޒަން އިއުލާން ކުރުމުން ގިނަ ބަޔަކު ހީކުރީ އެ ޑްރާމާގައި ނަކުލް މެހެތާ ބައިވެރިވިޔަސް ދިޝާ ޕަރްމާރް ބައިވެރި ނުވާނެ ކަމަށެވެ. ސަބަބަކީ އެ ޝޯގެ ޕްރޮމޯތައް ދައްކަން ފެށުމުގެ އެއް ދުވަސް ކުރިން ދިޝާ ބަނޑުބޮޑުކަން ހާމަކޮށްފައިވާތީ އެވެ.

ނަމަވެސް މީހުން ހީކުރި ގޮތާ ޚިލާފަށް ދިޝާ ގެންދަނީ "ބަޅޭ އައްޗޭ ލަގް ތޭ ހޭ 3"ގައި ލީޑް ރޯލު އަދާ ކުރަމުންނެވެ.

ދިޝާ އަށް ގިނަ ބަޔަކު ތައުރީފު ކުރީ އެހެންވެ އެވެ. ބަނޑުބޮޑަސް ގޭގައި އަރާމުކުރަން ހުރިހާ ވަގުތަކު ނީނދެ މަސައްކަތުގައި އުޅޭތީ އެވެ.

ދިޝާ ބުނި ގޮތުގައި "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ސެޓުގައި އޮންނަނީ ވަރަށް ހިތްހަމަޖެހޭ އުފާވެރި މާހައުލެކެވެ. އެންމެން އެކަކު އަނެކަކާވެސް ގުޅެ އެވެ. ޚާއްސަކޮށް ނަކުލް އާއި އޭނާގެ ގުޅުން ވަރަށް ރަނގަޅެވެ. އެހެންވެ އޭނާއަށް ބަނޑުބޮޑަސް މަސައްކަތް ކުރަން އުނދަގުލެއް ނޫނެވެ.

މި ޑްރާމާގައި މިހާރު ދައްކާ އެޕިސޯޑުތަކުގައި ދިޝާ ކުޑަކޮށް ފަލަކޮށް ފެނުނަސް އޭނާ ބަނޑުބޮޑުހެނެއް އެހާ ބޮޑަކަށް ހިއެއް ނުވެ އެވެ. ނަމަވެސް ކުރިއަށް އޮތް މަސް ތަކުގައި ދިޝާގެ ބަނޑު ރީއްޗަށް އެނގެން ފެށުމުން ޑްރާމާއަށް ގެންނާނީ ކޮން ކަހަލަ ބަދަލެއް ކަމެއް އަދި ނޭނގެ އެވެ.

ދިޝާ އާއި ފިރިމީހާ ރާހޫލް ވައިދިޔާ ކައިވެނިކުރީ 2021ގެ ޖުލައި ގައެވެ.