ބޮލީވުޑް

މަންމައަކަށްވީމަ ކުޅޭނެ ރޯލެއް ނުލިބޭ: ޗާހަތު

ޗާހަތު ކަންނާ މަޝްހޫރު ވެގެން ދިޔައީ ސޮނީ ޓީވީގެ މަޝްހޫރު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ" އިންނެވެ. ވަރަށް ރީތި މި ބަތަލާ ދާދިފަހުން ވަނީ ވަރަށް ހިތްދަތި ދުވަސްތަކެއް ދެކެފަ އެވެ. އަނިޔާކުރާ ފިރިއެއްގެ ކިބައިން ސަލާމަތް ވާން އޭނާ ކޯޓުގައި ކުރަން ޖެހުނު ވަރުގަދަ ހަނގުރާމައިގެ ސަބަބުންނެވެ.

ފަރްހާން މިރްޒާ ކައިރިން ވަރިވާން ޗާހަތު ކޯޓުގައި ކުރި ހަނގުރާމަ ކާމިޔާބުވެ އޭނާ މިހާރު ވަނީ ވަރި ކޮށްފަ އެވެ. އަދި ދެ ދަރިން ބެލުމުގެ ޒިންމާ ވެސް އޭނާއާ ވަނީ ހަވާލުވެފަ އެވެ. ފަސް އަހަރު ވަންދެން އިނދެގެން އުޅުނު ފިރިމީހާ ކައިރިން ވަރިވެވުނުއިރު ޗާހަތުގެ ބެންކް އެކައުންޓްތައް ވަނީ ހުސްވެފަ އެވެ. އެހެންވެ އަލުން އެކްޓިންގެ ރޮނގުން މަސައްކަތް ފަށަން އޭނާ ބޭނުންވި އެވެ. ނަމަވެސް ދެ ދަރިންގެ މަންމައަކަށް ވީތީ އޭނާއަށް އެއްވެސް ސިލްސިލާއަކުން ރޯލެއް ނުލިބުނު ކަމަށް ދާތިފަހުން ސޯޝަލް މީޑިއާގައި ޗާހަތު ޝެއާކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

ޗާހަތުގެ ޓުވީޓުގައި ބުނީ މީހުން އޭނާ ޖަޖް ކުރަނީ އެކަނިވެރި މައެއްގެ ގޮތުގައި ކަމަށެވެ.

"މައިވަންތަކަން ވެސް މީހުންނަށް މިވަނީ އޮޅިފައި. އަހަންނަކީ މަދު ފައިސާކޮޅަކުން ދެ ދަރިން ބަލާ އެކަނިވެރި މައެއް ނަމަވެސް މަންމައަކަށް ވުމުގެ ކުރިން މަސައްކަތް ކުރި ގޮތަށް އަދިވެސް އަހަންނަށް ކުރެވިދާނެ. ނަމަވެސް އެކަން ގަބޫލުކުރާ މީހަކު ނެތް،" ޗާހަތު ބުނެފައި ވެއެވެ.

ޗާހަތު ބުނި ގޮތުގައި އޭނާއަށް މިހާރު އެއްގޮތަކަށް ވެސް އެކްޓް ކުރުމުގެ ފުރުސަތެއް މީހަކު ނުދެ އެވެ. ނަމަވެސް ދަރިންގެ މުސްތަގްބަލަށްޓަކައި އޭނާއަށް މަސައްކަތް ކޮށްގެން ފައިސާ ހޯދަން މަޖްބޫރެވެ.

"ކުރިއަށް ވުރެ ވެސް އަހަރެން ވަރުގަދަ ވެފައި މާ ފިޓް މިހާރު. އެހެންވީމަ އަހަންނަށް އަލުން ފުރުސަތު ނުދޭންވީ ކީއްވެ؟" ޗާހަތު ބުންޏެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޗާހަތު ބުނީ މީހުން ހީކުރަނީ އޭނާގެ އަތުގައި ވަރަށް ގިނަ ފައިސާ ހުންނާނެ ކަމަށެވެ. އަދި ދެ ދަރިން ބެލުމުގެ ޒިންމާ އުފުލާތީ އެކްޓް ކުރާނެ ވަގުތު ނޯންނާނެ ކަމަށެވެ. ނަމަވެސް އެކަން އޮތީ އެގޮތަށް ނޫން ކަމަށާއި އޭނާގެ ކުދިން މިހާރު ސްކޫލަށް ދާން ފެށުމުން އޭނާއަށް ހުސް ވަގުތު ލިބޭ ކަމަށް ޗާހަތު ބުންޏެވެ.

ޗާހަތު އެންމެ ފަހުން ފެނިފައިވަނީ މިކާ ސިންގްގެ މިއުޒިކް ވީޑީއޯ "ކަރަންޓީން ލަވް" އިންނެވެ. ޗާހަތުގެ އަމިއްލަ ކްލޯތިން ބްރޭންޑް "އަމަޒާރޯ" ގެ މަސައްކަތް ވެސް ފުޅާކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.