ހަބަރު

ނަޝީދު ވާގިނެތުނަސް ދެން އަޅުގަނޑު ޒިންމާ ނަގާކަށް ނުޖެހޭނެ: ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ފޮނުވާލީ، ވާގިނެތިދާނެ ކަމުގެ ބިރަށް ކަމަށާއި ދެން އެމަނިކުފާނު ވާގިނެތުނަސް އެކަމުގެ ޒިންމާ ނަގަންވަން ނުޖެހޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނ. ކުޑަފަރީ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ވާގިނެތުމުގެ ޒިންމާ ބޮލުގައި އަޅުއްވަން ފަސޭހަނުވާނެ ކަމަށެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދެއްވީ އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވީއްލަން ޖެހުނީ ކީއްވެގެންތޯ، އަޅުގަނޑަކަށް ވެސް ފަސޭހައެއް ނޫން ރައީސްކަން ކުރެއްވި ބޭފުޅެއް އޭނާއަށް ލިބިފައިވާ މައިބަދައަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އޭނާގެ ލޯޔަރުން އަބަދު އަބަދު ޕެރަލައިޒް ވެދާނެ ކަމަށް ބުނަމުންދާއިރު ވާގިނެތިދާނެ، އެކަމުގެ ޒިންމާ އަޅުގަނޑުގެ ބޮލުގައި އަޅާކަށް ފަސޭހައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ރައީސް ނަޝީދު އޮޕަރޭޝަން ނުކުރައްވާ ހުންނަވާ ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދަވާފަ އެވެ. "ޕެރަލައިޒްވެދާނެ ރާއްޖޭގައި ހުންނެވިއިރު ނަމަވެސް މިހާރު ނޫޅުއްވާ އެއިން ކަމެއް ކުރައްވާކަށް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުފަލަކީ އެކަމުގެ ޒިންމާ އަޅުގަނޑުގެ ބޮލުން ދެން އެދިޔައީ، ދެން ރައީސް ނަޝީދު ޕެރަލައިޒް ވާނީ އޮޕަރޭޝަން ނުކުރައްވައިގެން، އޮޕަރޭޝަން ނުކުރެއްވުނީ އަޅުގަނޑުގެ ސަބަބުން ކަމަށް ދެން ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ދިއުމުގެ ހުއްދަ ރައީސް ނަޝީދަށް ދީފައިވަނީ 30 ދުވަހެވެ. ނަމަވެސް ރައީސް ނަޝީދު އޮޕަރޭޝަނެއް ކުރައްވާނަމަ 45 ދުވަސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެއަށްވުރެ އިތުރަށް މުއްދަތު ބޭނުންވާ ނަމަވެސް އިތުރު ކޮށްދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ރައީސް ނަޝީދު އަދި އެއްވެސް އޮޕަރޭޝަނެއް ކުރައްވާފައިނުވާއިރު މުއްދަތު އިތުރު ކޮށްދިނުމަށް ވެސް އެދިފައެއް ނުވެ އެވެ. ރައީސް ނަޝީދު ވަނީ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ހަމަޖެއްސެވި ޑޮކްޓަރަކަށް ދައްކަވާފަ އެވެ. އެ ޑޮކްޓަރު ބުނެފައިވަނީ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ހަ މަސް ނަގާނެ ކަމަށެވެ.