މޫސުން

ކުރިއަށް އޮތް ދެ ދުވަހު މޫސުން ވަރަށް ގޯސް

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނީ މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މޫސުން ގޯސްވާ ވަގުތު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރައްކާތެރިވެ ތިބުމަށް މެޓް އޮފީހުން އެދިފައިވެ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ނަމަވެސް މޫސުން އެންމެ ގޯސްވާ ވަގުތު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް އިއްޔެ އިން ފެށިގެން ވިއްސާރަކުރި ނަމަވެސް އެއްވެސް ހިސާބަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަކަށް އެއްވެސް އިދާރާ އަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަކުރި ނަަމަވެސް އަންގާރަ ދުވަހާ ހިސާބުން މޫސުން އަލިވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.