ރާއްޖެ ކުޅިވަރު

އެޓޫ ސެމްޕްޑޯރިއާ އަށް ބަދަލުވުމުގެ މަގުމަތީގައި

އެވަޓަން އަށް ކުޅެމުންދާ ކެމަރޫންގެ ތަޖުރިބާކާރު ފޯވަޑް ސެމުއެލް އެޓޫ ގެންދަން ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ކުރިން ބާސެލޯނާ އާއި ޗެލްސީ އަދި އިންޓަ މިިލާނަށް ކުޅުނު އެޓޫ ،33، އެވަޓަން އަށް ބަދަލުވީ މި ސީޒަންގަ އެވެ. އެޓޫ ވަނީ އެވަޓަން އަށް މިހާތަނަށް ހަތަރު ލަނޑު ޖަހައިދީފަ އެވެ.

އެޓޫ އެވަޓަން ދޫކޮށްލަން އުޅޭ ވާހަކަތައް އެވަޓަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް މި މަހުގެ 21 ވަނަ ދުވަހު ދޮގުކުރި ނަމަވެސް، ރިޕޯޓްތަކުން ބުނާގޮތުގައި އެޓޫ ވަނީ ސެމްޕްޑޯރިއާއާ ބަދަލުވުމާ ގާތަށް ޖެހިލައިފަ އެވެ. ސެމްޕްޑޯރިއާގެ ޓީ ޝާޓެއް ލައިގެން އެޓޫ ނަގައިފައިވާ ފޮޓޯއެއް އެ ކްލަބުން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އިޓަލީގައި އިންޓަ މިލާންއާއެކު އެޓޫ ހޭދަކުރި ދެ އަަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އިޓާލިއަން ލީގުގައި 25 ލަނޑު ޖަހައިފަ އެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަތަރު ފަހަރު ހޯދައިފައިވާ އެޓޫ ވަނީ ޗެލްސީ އަށް މިދިޔަ ސީޒަންގައި ކުޅުނު 35 މެޗުގައި 12 ލަނޑު ޖަހައިފަ އެވެ. ޗެލްސީ އަށް އެޓޫ ބަދަލުވީ ރަޝިއާގެ އަންޒީ މަކަޝްކަލާ އިންނެވެ. -- ބީބީސީ