މޫސުން

އުތުރުގައި ކަނޑުގަދަ، ދަތުރުކުރާއިރު ސަމާލުވޭ

އުތުރުގެ އަތޮޅުތަކަށް މިއަދާއި މާދަމާ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

ކަނޑުތައް ގަދަވުމުން ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މިއަދާއި މާދަމާ މޫސުން ގޯސް ނަމަވެސް ބުދަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އުތުރުގެ އެކި ހިސާބުތަކަށް މިއަދާއި މާދަމާ ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އުތުރުގެ އަތޮޅުތަކުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.