ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ގާއިމުކޮށްފައިވާ ސްޓްރަކްޗާގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ވަޔާ ހިނގައިދާނެ ކަމަށް ބަލައި އެ މައްސަލައަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ހައިވޭގައި ހުރި ސޯލާ ޕެނަލްތަކެއް ރޭގެ ވަގުތެއްގައި ވަޔާ ދިޔަ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއް ގައެވެ.
މުއިއްޒު ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެހެންނޫނީ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާ ކަން ފާހަގަވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލް މުއިއްޒު ދެއްވާފައެއް ނުވެ އެވެ.
ރިނިއުބަލް އެނާޖީ ނުވަތަ އިއާދަކުރަނިވި ހަކަތަ އަކީ މުހިންމު ކަމެއް ދޭން ކަމަކަށްވީ ނަމަވެސް އެކަމެއް ކުރަންވާނީ އެކަމަށް އެންމެ އެކަށީގެންވާ ގޮަތަކަށް ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.
ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރަން ފެށުމާ އެކު މީގެ ކުރިން މޭޔަރު މުއިއްޒު ވަނީ ހައިވޭއިން ފެންނަ ރީތި ގުދުރަތީ މަންޒަރުތައް ސޯލާ ޕެނަލްތަކުގެ ސަބަބުން ގެއްލިގެންދާ ކމަަށް ވިދާޅުވެ އެކަމުގައިވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.