މާލޭ ސިޓީ ކައުންސިލް

ޕާކިން ސްލޮޓާ ގުޅޭ ޕޯޓަލް މިއަދު 2:00ގައި ހުޅުވާލަނީ

މާލޭގައި ތަރައްގީ ކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހަދާފައިވާ ޕޯޓަލް މިއަދު ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލުމަށްފަހު ލިންކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޕޯޓަލް އިއްޔެ ވަގުތީ ގޮތުން ބަންދުކުރި އެވެ.

ނަމަވެސް މިއަދު މެންދުރު ފަހު 2:00 ޖަހާއިރު ޕާކިން ޒޯންތަކަށް ކުރިމަތިލުމަށް ޕޯޓަލް ހުޅުވާލާނެ ކަމަށާއި އިއްޔެ ޕޯޓަލް ހުޅުވާލާފައި ވަނިކޮށް ސްލޮޓްތަކަށް ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ނިންމާފައިވާ ކަމަށްވެސް އިއުލާންގައިވެ އެވެ.

މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލުމުން ޕޯޓަލް ޑައުންވީ ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ތުހުމަތުކުރައްވާފަ އެވެ. ނަމަވެސް އެކަން ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވަނީ ދޮގުކުރައްވާފަ އެވެ.

އަލީ ސޯލިހް ވިދާޅުވީ އެ މިނިސްޓްރީން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ޕޯޓަލް ބްލޮކް ނުކުރާ ކަމަށާއި އަދި އެކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ކުރިމަތިލައިފައިވެ އެވެ.

ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހެ އެވެ