އާރްޑީސީ

އާރްޑީސީގެ ހިޔާނާތުގެ މައްސަލަ އެ ކުންފުނިން ދޮގުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފައިސާތަކެއް އެ ކުންފުނީގެ އިސްވެރިއެއްގެ އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާރްޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަަލައެއް ދޮގުކޮށްފައި މިވަނީ އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަންގެ އަމިއްލަ ބޭނުމަށް ނަގާފައިވާ ކަމަށް ބުނާ މައްސަލައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އާރްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުންޏާ ގުޅޭ ހިޔާނާތުގެ ވާހަކަ ދޮގުކޮށްފަ އެވެ.

"އެފަދަ އެއްވެސް މުއާމަލާތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓުން އެއްވެސް އިރެއްގައި ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަންދެމެވެ،" ބަޔާނުގައިވެ އެވެ.

އާރްޑީސީން ބުނީ އެ ކުންފުނިން ހަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަނީ ގާނޫނާއި ގަވާއިދުތަކާއި އެެއްގޮތަށް ކަމަށާއި ކުންފުނީގެ ފައިނޭޝަލް ޕޮލިސީއާއި ހިލާފަށް ފައިސާގެ ކަމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ނޫސްތަކުން އާރްޑީސީއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ގެނެސްދީފައިވަނީ ރައްޔިތުން އެކުންފުންޏާ މެދު ދެކޭގޮތް ބަދަލުކުރުމުގެ ނިޔަތުގައި ކަމަށްވެސް ބަޔާނުގައިވެ އެވެ. އެއީ މައުލޫމާތު ސައްހަކަން ކަށަވަރުނުކޮށް، ނޫސްވެރިކަމުގެ "ބެސްޓް ޕްރެކްޓިސް"އާ ހިލާފަށް ލިޔެފައިވާ ހަބަރެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ފުލުހުންގެ ފަރާތުން ފައިސާއާ ގުޅުންހުރި އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އާރްޑީސީއަށް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ.

އާރްޑީސީއާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ. ނަމަވެސް މައްސަލައާއި ގުޅޭ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.