ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ ބައެއް މީހުންނަށް ނޭނގި ގެއްލޭ ކަމަށް ބުނާ ޝަކުވާތައް ގިނަވެފައިވާތީ އެ މައްސަލަ ބެލުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގެ ބައްދަލުވުން އެ އިދާރާތަކުގެ އެދުމަށް ސިއްރުކޮށްފި އެވެ.
މިއަދު ބޭއްވި އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރީ ބީއެމްއެލްގެ އިސްވެރިނާއި، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ކޮމިޔުނިކޭޝަންސް އޮތޯރިޓީ (ކޭމް)ގެ އިސްވެރިންނާއި ފުލުހުންގެ ފަރާތުން ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ޝާކިރު އެވެ.
އެސްއޯއީ ކޮމިޓީގައި ބައިވެރިވި ކޭމްގެ އޮފިޝަލު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހިއްސާކުރަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ގައުމީ ސަލާމަތާއި ގުޅޭ ވާހަކަތައް ހިމެނޭކަމަށާއި އެފަދަ މައުލޫމާތުތަކަކީ އާންމުންނަށް އެނގިގެންނުވާނެ މައުލޫމާތުތަކެއް ކަމަށެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ވަނީ އާންމުކޮށް ހުޅުވާލައިގެން ކޮމިޓީ ކުރިއަށް ގެންދާނަމަ ބައެއް މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ޝާކިރު ވިދާޅުވީ ފުރިހަމަ ގޮތުގައި މައުލޫމާތު ދިނުމަށް ކޮމިޓީ ސިއްރުކުރުމަށް ފެންނަކަމަށެވެ.
ނަމަވެސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ކާލް ސްޓްމެކް ވަނީ ކަސްޓަމަރުންގެ މައުލޫމާތާއި ޒާތީ މައުލޫމާތު ހާމަނުވާނޭ ގޮތަށް މައުލޫމާތު ހާމަކުރުމުގައި އެއްވެސް އުޒުރެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބެލުމަށް ނިމިދިޔަ ފެބްރުއަރީ މަހުގެ 22ގައި މަޖިލީހުގައި ހަދާފައިވާ އެސްއޯއީ ކޮމިޓީއަށް މިމައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ.
ރިޔާޒު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެކައުންޓްގައި ހުންނަ ފައިސާ ގެއްލޭ މައްސަލައިގައި ބީއެމްއެލްއާއި މަރުކަޒީ ބޭންކް -- އެމްއެމްއޭގެ އެދެވޭ ޖަވާބެއް ކަސްޓަމަރުންނަށް ނުލިބޭ ކަމަށެވެ.
ބީއެމްއެލްގެ ކަސްޓަމަރުންގެ މައުލޫމާތު އެ މީހުންނަށް ނޭނގި ހޯދައިގެން ދެލައްކަ ރުފިޔާގެ ވިޔަފާރި ކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބީއެމްއެލްގެ ތެރެއިން އެ ބޭންކުގެ އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު ހާމަނުވާނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ދެއެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އަބަދުވެސް ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.