އެސްއޯއީ ކޮމެޓީ

ބިދޭސީ 12 މީހެއްގެ ނަންމަތީ 38،000 ސިމް، މައްސަލަ ނުބެލޭ

ބިދޭސީންގެ 12 މީހެއްގެ ނަން މަތީ 38،000 ސިމް ނަގައިގެން ބޭނުން ކުރި މައްސަލަ ހައްލު ކުރެއްވިފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި (އެސްއޯއީ) ބެހޭ ކޮމިޓީގެ މެންބަރުން ސަރުކާރުގެ އިދާރާތަކަށް ފާޑު ކިޔައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުން ވަނީ ސްކޭމްތަކުގެ މައްސަލަތަކާއި ގުޅޭ ގޮތުން ފުލުހުންނާއި އެމްއެމްއޭ އާއި ބީއެމްއެލްއިން ފާހަގަ ކުރި މައްސަލަތަކަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.

އެސްއޯއީ ކޮމިޓީ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ފުލުހުން އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެއްގައި ފާހަގަވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކެއްގެ ނަން މަތީ ގިނަ އަދަދެއްގެ ސިމްތަކެއް ނަގައިގެން ބޭނުން ކުރި މައްސަލަ ކަމަށެވެ.

ފުލުހުން އެސްއޯއީ ކޮމިޓީއަށް ފޮނުވި ރިޕޯޓުގައި އެކަކުގެ ނަން މަތީ 800 އަށް ވުރެ ގިނަ ސިމާއި ދެ ބިދޭސީއެއްގެ ނަން މަތީ 24،000 އަށް ވުރެ ގިނަ ސިމާއި 12 ބިދޭސީއެއްގެ ނަން މަތީ 38،000 ސިމެއް ނަގާފައިވާ މައްސަލައެއް ވަނީ ފާހަގަ ކޮށްފަ އެވެ.

އިލްޔާސް ވިދާޅުވީ ސްކޭމްތައް ހިންގުމުގައި މާފުށި ޖަލުން އެކަން ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި އެކަމާއި ގުޅިގެން ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

"މިއީ ކަންބޮޑުވާ ކަމެއް. އެއަށްވުރެ ބޮޑަށް އެތަނަށް ފޯނު ނުވެއްދޭނެ ގޮތް ހެދުން. ޖަލަށް ވެއްދުން މަނާތަކެތީގެ ގޮތުގައި ފޯނު އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ޖަލަށް ފޯނު ވައްދައިގެން ސްކޭމް ކޯލުތައް ކުރާއިރު އެކަން ހުއްޓުވަން ކުރާ ކަމަކީ އެންޓަނާއެއް ޖަހާފައި އެ އެންޓަނާ މެދުވެރިކޮށް ނަންބަރުތައް ބްލޮކް ކުރުން ކަމަށްވާ އިރު އެކަން އެކަނި ކޮށްގެން އެ މައްސަލަ ހައްލުވާތަން ނުފެންނަ ކަމަށެވެ.

އެސްއޯއީ ކޮމިޓީން މި މައްސަލަ ބަލަން ފެށީ އޮޅުވާލައިގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާރައް އިތުރުވުމުގެ ސަބަބުންނެވެ.

މި މައްސަލައާއި ގުޅިގެން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވިދާޅުވީ އެކެއްގެ ނަން މަތީ މިހާ ގިން ސިމްތަކެއް ނެގޭ އިރު ވަގު ސިމްތައް ގެންގުޅުން ހުއްޓުވަން ޖެހޭ ކަމަށެވެ.

"ވަގު ސިމްތަކެއް މި ގެންގުޅެނީ ވަގު ކަންތައްތަކެއް ކުރަން. އެ ހަމަގައިމު ވެސް އަދިވެސް އެކްޓިވް ސިމްތަކަކަށް މިވަނީ. އެކަމަކު އަދިވެސް ކޮމިއުނިކޭޝަން އޮތޯރިޓީން ވިދާޅެއް ނުވޭ އެ ސިމްތަކަށް ހަދަންވީ ގޮތެއް. އެއީ ވަރަށް ބޮޑު ކަންބޮޑުމެއް،" ހުސައިން ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި މިދިޔަ އަހަރު ސްކޭމުގެ 1،450 މައްސަލައެއް ހުށަހަޅާފައިވާކަން އެމްއެެމްއޭއިން އެސްއޯއީ ކޮމިޓީއަށް ހިއްސާކުރި މައުލޫމާތުތަކުން އެނގެ އެވެ.