މިނިސްޓަރު އަލީ އިހުސާން

ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓާ ފައިސާ އޮޑިޓް ކުރެވޭނެ: އިހްސާން

ފުލުހުންނާއި ކަސްޓަމްސް އިން އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ހިފަހައްޓާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށާއި ބޭނުންވެއްޖެނަމަ އެ ފައިސާ އޮޑިޓްކުރެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވީ ފުލުހުންގެ ހިދުމަތުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދާއި ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ފައިސާއާމެދު އަމަލުކުރާނެ ހާއްސަ އުސޫލެއް އޮންނަ ކަމަށެވެ.

މި ގޮތުން ޖިނާއީ މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ ދިވެހި ފައިސާ 24 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ ހެޑްކުއާޓަރަށް ގެނެވޭ ކަމަށް އިހްސާން ވިދާޅުވި އެވެ. އެއަށްފަހު ފުލުހުންގެ މައި މަރުކަޒުގެ ތެރެއިން ފައިސާގެ ކަންކަން ބަލަހައްޓާ އިދާރީ ބަހާގެ ބެލުމުގެ ދަށުން އެމްއެމްއޭގައި ގާއިމުކުރެވިފައިވާ ވަގުތީ އެކައުންޓަކަށް އެ ފައިސާ ޖަމާކުރެވޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރު ފައިސާ ރައްކާކުރެވެނީ ފުލުހުންގެ އިދާރާގައި ހުންނަ އެކަމަށް ހާއްސަ ތިޖޫރިއެއްގަ އެވެ.

"މި ފައިސާއަކީ ކޮންމެ ވަގުތަކުވެސް ފުލުހުންގެ ބަހާތަކުގެ އިސްވެރިންނާއި ދައުލަތުގެ އިދާރާއެއްގެ އިސްވެރިއަކު ބޭނުންފުޅު ނަމަ އޮންނަ އުސޫލުގެ ތެރެއިން އޮޑިޓް ކުރެވި އެ މައުލޫމާތު ރައްކާކުރެވިގެންދާ ތަނެއް،" އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވި ގޮތުގައި އެކިއެކި މައްސަލަތަކުގައި ކަސްޓަމްސް އިން ހިފަހައްޓާ ފައިސާ ކޯޓު މަރުހަލާއަށް ދެވެންދެން ރައްކާ ކުރެވެނީ ތިޖޫރިއެއްގަ އެވެ. މިއީވެސް ބޭނުންވެއްޖެނަމަ އޮޑިޓް ކުރެވޭނެ ފައިސާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ގޮތުން ހިފެހެއްޓޭ ފައިސާއަކީ ވަކި ބޭފުޅަކު އެދިފައިނުވި ނަމަވެސް ކަނޑައެޅިފައި އޮންނަ މުއްދަތުގައި އޮޑިޓް ކުރެވޭ ފައިސާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.