ށ. ކޮމަންޑޫގެ ބިން ކުޑަވުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކެމްޕޭންގައި މިއަދު ށ. ކޮމަންޑޫއަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ވަކިން އޮންނަ ދެ ރަށް ކަމަށްވާ ކޮމަންޑޫއާ މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް މި މަހު ފަހު 10 ގައި ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މިވަގުތު ބިން ހިއްކުމަށް ގެންސްފައިވާ އާ ޑްރެޖަރު އޮތީ ހއ. އިހަވަންދޫގައި ކަމަށާއި، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު ކޮމަންޑޫއަށް ޑްރެޖަރު ގެނެސް ދެ ކޮމަންޑޫ ގުޅާލުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.
"މި މަސް ނިމިގެންދާނީ އަޅުގަނޑުމެން ވައުދުވި ގޮތަށް މި ދެ ކޮމަންޑޫ ދޭތެރޭ ހިއްކަންޖެހޭ ބިން ހިއްކާފައި،" ރައިސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެ ކޮމަންޑޫ ގުޅުވާލުމާ އެކު މަތި ކޮމަންޑޫގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކޮމަންޑޫއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މަތިކޮމަންޑޫގައި 300 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް އޮތަ ފަސްއަހަރު ތެރޭގައި ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ކޮމަންޑޫގެ ސިއްހީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އެ ރަށު ސިއްހީ މަރުކަޒު 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 90 އިންސައްތަ ވައުދަށްވުރެ ގިނަ ވައުދު ނިމިފައި ނުވަތަ މިވަގުތު ކުރިއަށްދާ ކަމަށެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކީ "އުފާވެރި އަމާންރާއްޖެ" އެވެ.
ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ބޮޑު ބައްޔަކުން ބަލިކުރެއްވުމަށްފަހު އެވެ.