ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޑަަފަރުގައި އެއާޕޯޓެއް އަޅަން ރައީސް ވައުދުވެވަޑައިގެންފި

ށ. ކުޑަަފަރުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ށ. ކޮމަންޑޫގައި މިއަދު ވަޑައިގެން އެރަށު މުހާތަބު ކުރައްވާ ވިދާޅުވީ ކޮމަންޑޫއާއި އެ ސަރަހަދުގެ އެހެން ރަށްތަކަށް ވައިގެ މަގުން 20 މިނެޓް ތެރޭ ދަތުރުކުރެވޭ ގޮތެށް އެއާޕޯޓެއް، ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި އަޅައިދޭނެ ކަމަށެވެ.

ކުޑަފަރަކީ މަތިކޮމަންޑޫ އާއި ޖެހިގެން ފިނޮޅެއްގެ ގޮތުގައި އޮންނަ ތަނެކެވެ. މި ދެމެދުގައި ކުޑަ ކަނޑުއޮޅިއެއްވެސް އޮވެ އެވެ.

ށ. އަތޮޅު ފުނަދޫގައި މިހާރުވެސް އެއާޕޯޓެއް ހިންގަމުންދެ އެވެ. އަދި މީގެކުރިން ށ. ބިލަތްފަހީގައިވެސް އެއާޕޯޓެއް އެޅުމަށް ރައީސް ސޯލިހް އިއުލާންކުރައްވާފައިވެ އެެވެ.

ރައީސް ސޯލިހް މީގެކުރިންވެސް ވަނީ ބައެއް ރަށްތަކުގައި އެއާޕޯޓްތަކެއް އަޅައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އެއާޕޯޓް އެޅުމަށް ވައުދުވި ރަށްތައް

  • ހދ. މަކުނުދޫ
  • ށ. ބިލަތްފަހި
  • ރ. ބެރިޔަންފަރު
  • ބ. ތުޅާދޫ
  • ފ. މަގޫދޫ
  • ތ. ވިލުފުށި

މިރަށްތަކުގެ ތެރެއިން އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ހަމައެކަނި ރަށަކީ ފ. މަގޫދޫ އެވެ. އަދި ހދ. މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު ވަނީ ބިގްފިޝް މޯލްޑިވްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.

ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެއާޕޯޓް އެޅުމަށް ކުރިން އިއުލާން ކުރި ރަށްތަކެއް ހުއްޓާ މާފަހުން އެއާޕޯޓެއް އެޅުމަށް އިއުލާން ކުރި ރަށެއް ކަމަށްވާ ރ. އަލިފުށި އެއާޕޯޓްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި އެއާޕޯޓަކާ ގުޅޭ ހުރިހާ މަސައްކަތެއް ކޮށް ނިންމި ހަމައެކަނި އެއާޕޯޓް ކަމަށްވާ ހއ. ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ނިންމާ މިހާރު ދަނީ ހިދުމަތް ދެމުންނެވެ. އަދި ރައީސް ސޯލިހްގެ ވެރިކަމުގައި ގދ. ފަރެސްމާތޮޑާގެ އެއާޕޯޓްގެ ގިނަ މަސައްކަތްތަކެެއް ކޮށް މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހު ވަނީ ހުޅުވާފަ އެވެ. މީގެ އިތުރުން މ. މުލީ އެއާޕޯޓްގެ މަސައްކަތް ވެސް މިސަރުކާރުން މިހާރު ދަނީ ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.