ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިލަންދޫގައި އެއާޕޯޓެއް އެޅޭނެ ގޮތެއް އޮތްތޯ ބަލައިދޭނަން: ރައީސް

ށ. މިލަންދޫގައި އެއާޕޯޓެއް އެޅޭނެ ގޮތެއް އޮތްތޯ ބަލާނެ ކަމަށާއި އެއީ ކުރެވެން އޮތަ ކަމެއްނަމަ އެކަން ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދް ސޯލިހު ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އަޅައިދިނުމަށް އެރަށުގެ ވަރަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އެ ހުށަހެޅުމާ ގުޅޭގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެކަމުގެ ޓެކްނިކަލް ކަންކަމަށް ބެލުމަށްފަހު އެއީ ކުރެވޭނެ ކަމެއްތޯ ޔަގީންކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ބެލުމަށްފަހު އެއާޕޯޓެއް އެޅެން އޮތްނަމަ ކުރިއަށް އޮތް ދައުރެއްގައި އެ މަސައްކަތް ކުރެވޭނެތޯ ބެލިދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިލަންދޫގައި މިހާރުވެސް މިސަރުކާރުގެ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މިލަންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓް ނުވަތަ ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ކަމަށެވެ.

"އެ އަދަދުތައް ނިންމާނީ ރައްޔިތުންނާއި ރަށު ކައުންސިލާ މަޝްވަރާކުރުމަށްފަހު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ މިލަންދޫގެ ޗަސްބިން ހިއްކައިދީ އެ ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި ރަށުގެ ބިން ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށާއި ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެ މަސައްކަތްތަކުގެ ތެރެއަށް ރަށުގެ ބާކީ މަގުތައް އިތުރުކުރައްވާނެ ކަމަށެވެ.

ރައީސް ވަނީ 2008 ވަނަ އަހަރުގެ ފަހުން ވެރިކަން ކުރި ސަރުކާރުތަކުން ށ. އަތޮޅުގައި ހިންގި މަޝްރޫއުތަކުގެ އަދަދުތައްވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ށ. އަތޮޅުގައި ހިންގާފައިވަނީ އެންމެ 19 މަޝްރޫއު ކަމަށެވެ. ދެން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ށ. އަތޮޅުގައި ހިންގީ 56 މަޝްރޫއު ކަމަށްވެސް ފާހަގަކުރެއްވި އެވެ.

"ނަމަވެސް މި ސަރުކާރުން ކޮވިޑްގެ ދެ އަހަރާ އެކުވެސް 159 މަޝްރޫއެއް ށ. އަތޮޅުގައި ހިންގައިފިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވަނީ މިސަރުކާރުގެ މަސައްކަތްތަކަށް ބެލުމަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް ގޮތް ނިންމުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ށ. އަތޮޅު ނިސްބަތްވާ ބޮޑުތިލަދުންމަތިން އެމަނިކުފާނަށް ފުރިހަމަ ކާމިޔާބީއެއް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯ ފެށޭ ހަފްތާ ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށްވެސް ރައީސް މިރޭ ވަނީ އިއުލާންކުރައްވާފަ އެވެ.