ރާއްޖޭގެ އިގްތިސޯދު ދެގުނަކުރައްވާނެ ގޮތުގެ ފޯމިއުލާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިރޭ މި ފޯމިއުލާ ހާމަކުރެއްވީ އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އިގްތިސާދު ދެގުނަ ކުރައްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެކަން ކުރައްވާނެ ގޮތެއް ވިދާޅުވުމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.
ށ. އަތޮޅު ލަންދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރާއެކު އޮތް ކޯލިޝަންގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިގްތިސޯދު ދެގުނަ ކުރުން ކަމަށެވެ. ހިނގަމުން މިދާ ދައުރުގައިވެސް ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ ކަމަށާއި އެ ބަދަލުތަކާ އެކު އިގްތިސާދު ދެގުނަ ކުރެވޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައިސް ވަނީ އިގްތިސޯދަށް އައި ކުރި އެރުން ތަފާސްހިސާބުތަކުން ވިދާޅުވެ ދެއްވުމަށްފަހު އަދި އިގްތިސާދު ދެގުނަ ކުރަން ގެންގުޅުއްވާ ފޯމިއުލާގައި ކަންކަންކުރައްވަން ނިންމާފައިވާ ގޮތްތައްވެސް ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައި އިރު ރާއްޖޭގެ އިގްތިސޯދު އޮތީ 81 ބިލިއަން ރުފިޔާގައި ކަމަށެވެ. އޭރު ދައުލަތުގެ އާމްދަނީ އަކީ 22 ބިލިއަން ރުފިޔާ ކަމަށާއި ފަތުރުވެރިން ވެސް އޭރު އަންނަމުން ދިޔައީ އަހަރަކު 1.4 މިލިއަން ފަތުރުވެރިން ކަމުގައި ވިދާޅުވި އެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ނެގިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ 108 ބިލިއަން ރިފިޔާގައި ކަމަށާއި ދައުލަތުގެ އާމްދަނީ 34 ބިލިއަން ރުފިޔާ އަށް މައްޗަށް ޖައްސާލެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާ އަދަދު ކުރިއަށް އޮތް ދައުރުގައި ފަސް މިލިއަނަށް ވުރެ މައްޗަށް ޖެއްްސޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ރާއްޖޭގެ އިގްތިސާދު 2025 ވަނަ އަހަރުގައި 130 ބިލިއަން ރުފިޔާ އިން މައްޗަށް ޖައްސާނެ ކަމަށެވެ. އަދި އެ އަހަރުގެ ތެރޭގައި ދައުލަތުގެ އާމަދަނީވެސް 44 ބިލިއަން ރުފިޔާ އިން މައްޗަށް ގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ 2028 ވަނަ އަހަރު އެ ދައުރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސޯދު 177 ބިލިއަން ރުފިޔާ އިން މައްޗަށް ޖައްސައި ދައުލަތުގެ އާމްދަނީ 50 ބިލިއަން ރުފިޔާއަށް އިތުރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލޯނު ނަގައިގެން ރާއްޖޭގައި މިހާރު ގިނަ މަޝްރޫއުތަކެއް ފަށާފައިވީ ނަމަވެސް 2026 ވަނަ އަހަރުން ފެށިގެން އެ ލޯނުތައް ދެއްކޭވަރަށް ރާއްޖޭގެ އާމްދަނީ އިތުުރުކުރެވޭނެ ކަމަށެވެ.
"އެހެންކަމުން ދެވަނަ ދައުރެއް ލިބި އެ ދައުރު ނިމިގެންދާއިރު ދެން އަންނަ ސަރުކާރަކަށް ލޯނު ދައްކަން ނުޖެހޭ ވަރަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިގްތިސޯދެއް ބިނާކޮށް ތަރައްގީކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުން ކަމަށެވެ. އެގޮތުން ބޮޑުތިލަދުންމަތިން މިހާރު އެ ތަރައްގީ ފެންނާނެ ކަމަށާއި އާރްޓީއެލްގެ ނިޒާމަކީ އޭގެ އެއް ހެކި ކަމުގައިވެސް ވިދާޅުވި އެވެ. މީގެ އިތުރުން ހަނިމާދޫ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމުމާ އެކު ބޮޑުތިލަދުންމަތިން އިގްތިސާދީ ބޮޑު ބަދަލެއް ފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރަހައްދީ އެއާޕޯޓްތައް އެޅި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރެވި އަދި އައްޑޫ އާއި ހަނިމާދޫ އެއާޕޯޓްގެ މަސައްކަތްތައް ނިންމާ 2025 ވަނަ އަހަރު ބޭނުންކުރަން ފެށުމާ އެކު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ހަތް މިލިއަނުން މައްޗަށް ޖެއްސޭނެ ކަމަށެވެ. ހަނިމާދޫ އެއާޕޯޓާއި އައްޑޫ ގަން އެއާޕޯޓް ހަދަނީ އަހަރަކު ތިން މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.
"މި އަދަދުތަކާއެކުނ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ. ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރެވޭނެ،" އިގްތިސާދީ ބަދަލުތައް ގެންނަ ގޮތް ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.