ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ރައީސް

މިވެރިކަމުގައި ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ގައުމަށް ގެނެވުނު ހަމަޖެހުންތައް ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު މިވެރިކަމުގައި ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް ނޫސްވެރިޔަކު ވެސް ހައްޔަރުކޮށް ޖަލަށްލާފައި ނުވާނެ ކަމުގައި ވިދާޅުވި އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާކަށްވެސް ނުޖެހޭ. އެހެންނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހަމަ ބާރަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މިދިޔަ ފަސް އަހަރުގެ ތެރޭގައި މަސައްކަތް ކުރީ ރަށްޔިތުން ބޭނުންވާ އަސާސީ ހިދުމަތް ގާއިމުކޮށްދީ ގައުމަށް ތަރައްގީ ގެނައުމަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒު ހުރީ އިގްތިސާދީ ބަދަލުތައް ގެނެސްދީ ވައުދުތައް ފުއްދައިދިނުމަށް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން މިހާރު ހޯދާފައިވާ ކުރިއެރުންތަކުގެ އިތުރަށް އިގްތިސާދީ ބަދަލުތަކެއް ގެނައުމަށް ރިޔާސީ ދެވަނަ ދައުރެއްގައި ވިސްނަވާފައިވާ ބައެއް ގޮތްތައްވެސް ރައީސް ހިއްސާކުރެއްވި އެވެ.

ގިނަ ބަޔަކު ހާޒިރުވި މިޖަލްސާގައި ރައީސް ވަނީ މިލަންދޫ އިން އެމްޑީޕީއާ އަލަށް ގުޅުނު ޕީޕީއެމްގެ އިސް ބައެއްގެ ފޯމުތަކާ ވެސް ހަވާލުވެވަޑައިގެންފަ އެވެ.