މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމްގައި ތިން ބޭންކަކުން ބައިވެރިވެއްޖެ އެވެ.
ރާއްޖޭގައި އަލަށް ތައާރަފު ކުރެވޭ "އިންސްޓެންޓް ޕޭމެންޓް ސިސްޓަމް"ގެ ޔޫޒާ އެކްސެޕްޓެންސް ޓެސްޓުން ފާސްވެ ސިސްޓަމްގައި ބައިވެރިވުމަށް އެމްއެމްއޭއާއެކު މިއަދު ސޮއިކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްއައިބީ) އެވެ.
އިންސްޓެންޓް ޕޭމެންޓް ސިސްޓަމްގައި ބައިވެރިވާ ބޭންކްތަކާއެކު އެމްއެމްއޭއިން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އެމްއެމްއޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމްއެމްއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ އެެސިސްޓެންޓް ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ސީއީއޯ މުފައްދަލް އިދްރީސް ކުމްރީ އެވެ. އަދި އެސްބީއައީގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝްރީ ޕްރަބޯދް ޕަރިހް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ރާއްޖޭގެ ޕޭމެންޓް މާހައުލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މި ސިސްޓަމްގެ ސަބަބުން އެހީތެރިވެދޭނެ ކަމަށެވެ.
"މި ސިސްޓަމަކީ ޕޭމެންޓް މާހައުލުގައި އެޅިގެންދާ ރެއިލްވޭއެއް،" ހާޝިމް ވިދާޅުވި އެވެ.
އިންސްޓެންޓް ޕޭމެންޓް ސިސްޓަމަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް އަދި ކޮންމެ ބޭންކަކުންވެސް ވަގުތުން ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރުމަށް އެހީވެދޭނެ އިންތިޒާމެކެވެ.
ސިސްޓަމްގައި ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް އެހެން ބޭންކްތަކުން މިހާރުވެސް ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެެވެ. އެގޮތުން ސިސްޓަމްގައި ބައިވެރިވުމަށް ހަދަންޖެހޭ ޓެސްޓްތައް އެ ބޭންކްތަކުން ހަދަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭ އިން ބުނީ މި ޕްރޮގްރާމުގައި މިހާރު ބައިވެރިވެފައިވާ ތިން ބެންކާއެކު ޕައިލެޓް ސްޓޭޖުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ކޮވިޑްގެ ސަބަބުން މި ސިސްޓަމް މަސައްކަތްތައް ލަސްވެގެން ދިޔަކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. އެމްއެމްއޭ އިން ކުރިން އުންމީދުކުރީ 2021 ވަނަ އަހަރުގެ ފަހުކޮޅު މި ސިސްޓަމް ބޭނުންކުރަން ފެށޭނެ ކަމަށެވެ.