ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޝަހީމަށް ކުރި ތުހުމަތުތަކަށް ރައްދު ދެއްވައިފި

ޕީޕީއެމްއަށް ނިސްބަތްވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރު ކޯލިޝަނާ ގުޅިވަޑައިގަންނަވަނީ ކަމަށް ބުނެ ޕީޕީއެމްގެ ސެނެޓަރުންގެ ތެރޭގައި ދެކެވުނު ވާހަކަތަކަށް އޭނާ ރައްދު ދެއްވައިފި އެވެ.

ޑރ. ޝަހީމަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އުފެއްދުމުގައި ކުރިން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެ ޕާޓީން ވަކިވެވަޑައިގެންނެވި ގޮތަށް ޑރ. ޝަހީ،ް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށްފަހު ޕީޕީއެމްގެ މަސައްކަތް ކުރައްވާތާ 10 އަހަރުވެއްޖެ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް -- ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިން މޭޓަކަށް ހުންނެވީވެސް ޑރ. ޝަހީމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު ޝަހީމަށް ދީފައިވާ ކަމަށް ބުނާ އަޑުތަކެއް މިދުވަސްވަރު އުޅޭ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ސެނެޓަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުގައި ބައެއް މެންބަރުން ވަނީ އެކަމާ ގުޅޭގޮތުން ޝަހީމްއާ ސުވާލުކުރައްވާފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ނުދެއްވާ އެތައް އިރަކު ހުންނެވުމަށްފަހު އެ ގުރޫޕަށް ޑރ. ޝަހީމް މިއަދު ފޮނުއްވި މެސެޖެއްގައި ވަނީ ޕީޕީއެމްގެ ސެނެޓަރުން އޭނާއަށް އިތުބާރު ނުކުރެއްވީ ހިތްހަމަނުޖެހުން ފާާޅުކުރައްވާފަ އެވެ.

"ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން 2013-2023 ދިހަ އަހަރު ޕީޕީއެމްއަށް ކުރި ހިދުމަތަށް ތިޔަ ދެއްވި އިނާމަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.

މިސަރުކާރާ ގުޅިވަޑައިގަތުމަށް ޑރ. ޝަހީމަށް ދައުވަތު ދެއްވީ އަދާލަތު ޕާޓީގެ އިސް ބޭފުޅުން މެދުވެރިކޮށް ކަމަށްވެ އެވެެ.