އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް 35 މިލިއަން ރުފިޔާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ތުހުމަތު އޭނާ އަމިއްލަފުޅަށް ބަދަލުކުރައްވާ، ރައީސްއަށް އެ ލާރި ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދަށް ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލުމާ ގުޅިގެން އިނގިރޭސިވިލާތަށް ވަޑައިގެން ރާއްޖޭގެ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މީގެކުރިން އަލީ ވަހީދު ވަނީ ރައީސް ސޯލިހަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން 35 މިލިއަން ރުފިޔާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފައިސާ ގެންދާ މަންޒަރުގެ ވީޑިއޯ ފުލުސް އޮފީހުގައި ހުންނާނެ ކަމުގައިވެސް އޭރު ވިދާޅުވި އެވެ.
ނަމަވެސް އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ދައުލަތުން އަނބުރާ ގެންދިއުމާ ގުޅިގެން މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ އޭނާ ވިދާޅުވީ ރައީސް ސޯލިހަކީ އެވަރުގެ އަދަދެއް ނަންގަވަން ޖެހޭ ވަރަށްވުރެ ފުދުންތެރި ބޭފުޅެއް ކަމަށެވެ.
އަލީ ވިދާޅުވީ ރައީސް ސޯލިހާއި ކޮރަޕްޝަނާ ގުޅުވައިގެން ކުރިން ވާހަކަދެއްކެވީ އޭނާގެ މައްޗަށް ބޮޑު ތުހުމަތެއްކޮށް، ފްރޭމްކޮށްގެން އޭނާގެ ސިޔާސީ ހަޔާތް ނިންމާލުމަށް ބަޔަކު މަސައްކަތް ކުރުމުން އޭނާ ފްރޭމް ކުރި ބައެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭރު ދެއްކެވި އެ ވާހަކައަކީ "ސްމޯކްސްކްރީން" އެއް ކަމަށް ވިދާޅުވި އެވެ.
"އެދުވަހު އަޅުގަނޑު ދިން ޕްރެސް ކޮންފަރެންސާ ހަމައަށް އަޅުގަނޑު ފްރޭމްކުރި ބައެއް ނޭނގޭ. އަޅުގަނޑު އެ ދުވަހު އެ ނޫސް ކޮންފަރެންސް ބޭނުންކުރީ ސްމޯކް ސްކްރީން އަކަށް. ރައީސަށް އަޅުގަނޑު އެ ލަފުޒު އަމާޒުކޮށްލީ ސްމޯކް ސްކްރީންއަކަށް." އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސްއަށް ތުހުމަތުކުރެއްވި ފަހުން އޭނާ ފްރޭމްކުރެއްވި ބައެއް ޔަގީންކަމާ އެކު އެނގިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ފްރޭމް ކުރުމުގައި ޕީޕީއެމްއާއި ރައީސް އަބްދުﷲ ޔާމީނާއި، ޖުމްހޫރީ ޕާޓީއާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ އިތުރަށް ވިދާޅުވީ އޭނާ ފްރޭމް ކުރި މީހުން އެނގިވަޑައިގެންނެވި ނަމަވެސް އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ވާހަކަދައްކައިގެން މިއަދު ކަންކަން ހަރާބްކުރުން ނޫން ކަމެއް ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް އެކަނި ފިޔަވަޅު އަޅައި ޖަލަށްލުމަކީ އިންސާފެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ވަހީދަށް މާލޭގެ އެއް ނަންބަރު ފާލަން ކައިރިން މަރުހަބާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބައެއް ސިޔާސީ ބޭފުޅުންނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުވެސް ހިމެނެ އެވެ.