އަހުމަދު ރިލްވާން

ރިލްވާން މައްސަލައިގައި ދައުވާކުރާ އިސޫ ބަންދުން ދޫކޮށްލައިފި

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) ބަންދުން ދޫކޮށްލައިފި އެވެ.

އިސޫ ބަންދުން ދޫކުރަން ކްރމިނަލް ކޯޓުން ނިންމީ މިއަދު އެކޯޓުގައި ބޭއްވި އަޑުއެހުމެއްގަ އެވެ. އެގޮތުން އިސޫގެ ޕާސްޕޯޓް ހިފަހައްޓާ، ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް ޝަރުތުކޮށްފައިވެ އެވެ. އަދި ފައިގައި ޓެގް އަޅުވާ މޮނީޓާކުރަމުން ގެންދިއުމަށް ނިންމާފައިވެ އެވެ.

މިމައްސަލައިގައި ދައުވާކުރާ އަނެއް ދެމީހުންނަކީ މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލް (އަހަނދު)އާއި މާލެ ދަފްތަރު 8499، އަހްމަދު މުއާޒު އެވެ. މީގެތެރެއިން އަހަނދުވެސް ވަނީ ބަންދުން ދޫކޮށް ފައިގައި ޓެގް އަޅުވާފަ އެވެ.

މި ތިން މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ޖޫން 26، 2022ގަ އެވެ.

އިސްމާއިލް އަބްދުއްރަހީމް އާދަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ އެވެ. މުއާޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އަހްމަދު އިސްމާއީލްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާ އެކެވެ.

ފުލުހުން ބުނި ގޮތުގައި މިއީ ރިލްވާނާއި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅޭ ކުށްތައް ރާވައި ހިންގުމާއި އެ ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހުންނެވެ. ތިން މީހުން ވެސް ހައްޔަރުކުރީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ މަރު ކޮމިޝަނުގެ ތަހުގީގަކަށް ފަހު އެވެ. އަދި މިއީ އެ ކޮމިޝަނުން މިހާތަނަށް ބައެއްގެ މައްޗަށް ދައުވާ ކުރި ހަމައެކަނި މައްސަލަ އެވެ.